10 Aug 2018, 17:54
އަންނަ ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ރައީސް ޔާމީން ފޯމް ހުށަހަޅުއްވާފައިވަނީ އިއްޔެ ހެނދުނުއެވެ. ރައީސް ޔާމީންގެ ފޯމް އެ ކޮމިޝަނަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފެވެ.
ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ކެންޑިޑެސީ ފޯމު ހަވާލުކުރެއްވުމުގެ ކުރިން ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ ކެންޑިޑޭޓާއި ރަނިންމޭޓް ހޮވި ގޮތުގެ ތަފްސީލު އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވެފައިވާއިރު ހަތް ބޭފުޅަކު ވަނީ ފޯމް ނަގާފައެވެ. ނަމަވެސް ފޯމް ހުށަހެޅީ ތިން ބޭފުޅެކެވެ. ރައީސް ޔާމީންގެ އިތުރުން ދެން ފޯމް ހުށަހަޅުއްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރެވެ.
އޭގެ ތެރެއިން ހުސައިން ނަސީރުގެ ފޯމްގައި މައްސަލަތަކެއް ހުރުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އިބޫ އާއި ރައީސް ޔާމީން އެކަންޏެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މިމަހުގެ 18ވާ ހޮނިހިރު ދުވަހުއެވެ.