އެމްޑީޕީއިން މިރޭ ބާއްވަން ރޭވި ޖަލްސާ ފަސް ކުރަން އެ ޕާޓީއިން ނިންމައިފި އެވެ.

އެމްޑީޕީއިން ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެދިފައިވީ ނަމަވެސް އެ ސަރަހައްދު މި ވަގުތު އެއްވެސް ފަރާތަކަށް ދޫކުރެވެން ނެތުމުން ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދިނުމަށް ހައުސިން މިނިސްޓްރީއިން އިއްޔެ ވަނީ ނިންމައިފައެވެ.

ނަމަވެސް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު "ސަން" އަށް ވިދާޅުވީ ޖަލްސާ ބޭއްވުމަށް އެމްޑީޕީއިން އެދުނީ ކާނިވާ ސަރަހައްދު ދިނުމަށް ކަމަށާއި، ދަރުބާރުގެ ދޭނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ޖަވާބެއް ލިބުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެހެން ކަމުން މިރޭ ޖަލްސާ ބާއްވަން އެކަށީގެންވާ ވަރަށް ތައްޔާރީތައް ނުވެވޭނެތީ ޖަލްސާ ފަސް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދިނުމަށް އަދިވެސް ހައުސިން މިނިސްޓްރީގައި އެދޭނެ ކަމަށެވެ.

އަދި ކާނިވާ ލިބުނަސް ދަރުބާރުގެ ލިބުނަސް ޕާޓީއިން ބޭނުން ވަނީ އެކަށީގެންވާ ވަރަށް ތައްޔާރުވެގެން ޖަލްސާ ބޭއްވުމަށް ކަމަށް އަނަސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހްމަދު ފަޒާލް ހުސައިން އިއްޔެ "ސަން" އަށް ވިދާޅުވީ ކާނިވާ ސަރަހައްދު ދެވެން ނެތީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.