ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމުގެ ގޮތުން، ހުށަހަޅަންޖެހޭ ރީ ރެޖިސްޓްރޭޝަން ފޯމްތައް ބަލައިގަތުމުގެ ވަގުތު އިތުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިރެޖިސްޓްރޭޝަން ފޯމްތައް ބަލައިގަތުން އިތުރުކުރީ ފޯމްތައް މާގިނައިން އެއްފަހަރާ ލިބެމުންދާތީވެ ކަމަށެވެ.

"މިވަގުތާ ހަމައަށް 72،000 ފޯމް ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅި، އަދި އިތުރު ފޯމްތައް ބަލްކުކޮށް ލިބެމުންދާތީ ފޯމް ބަލައިގަންނަ ވަގުތު މިރޭ 21:00 އަށް އަދި މާދަމޭ ރޭގެ ވަގުތު ބާރަ ޖަހަންދެން އިތުރުކޮށްފި." އަކްރާމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީވުމަށް ގިނަ އަދަދެއްގެ ފޯމްތައް އިލެކްޝަނަށް ހުށަހަޅަމުންދާކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައްސަލައެއް އުޅޭނަމަ އެކަން އިސްލާހުކުރުމަށް މުއްދަތު ހަމަވާ ދުވަހުން ފެށިގެން އިތުރު ތިން ދުވަސް ދޭނެ ކަމަށެވެ. ރީ ރެޖިސްޓްރީކުރުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އީސީއަށް ހުށަހެޅި ފޯމުތައް އެންޓާކުރުމަށްފަހު، ފިންގާ ޕްރިންޓް ސައްހަކަން ކަށަވަރުކުރުމަށް ފުލުހުންނަށް ހުށަހަޅާނެއެވެ. އެއަށްފަހު ފިންގާ ޕްރިންޓުގެ މައްސަލައެއް އުޅޭ ފޯމުތައް ބާތިލުކުރެވޭނެއެވެ.