ކޮލަމްބޯ (އޮގަސްޓު 10): ސްރީލަންކާގެ ރެއިލްވޭ ޓްރޭޑް ޔޫނިއަންތަކުން މިދިޔަ ބުދަ ދުވަހު ފެށި ސިލްސިލާ އިހުތިޖާޖުތަކާ ގުޅިގެން އެގައުމުގެ ރޭލު ދަތުރުފަތުރުތަކަށް ހުރަސްއެޅިއްޖެއެވެ.

މިއަދުވެސް ކުރިއަށްދާ އެ އިހުތިޖާޖުގައި ލަންކާގެ ޓްރެއިން ސުޕަވިޝަން މެނޭޖްމެންޓު ސާވިސެސްގެ ފަސް ޓްރޭޑް ޔޫނިއަނަކާއި ގިނަ އަދަދެއްގެ ރޭލު ޑްރައިވަރުންނާއި ގާޑުންނާއި ކޮންޓްރޯލަރުން ބައިވެރިވެއެވެ.

އެ އިހުތިޖާޖުތައް ފެށީ ރޭލުގެ ހިދުމަތް ދޭ މުވައްޒަފުންގެ މުސާރައިގައި މައްސަލަތަކެއް އުޅޭތީ، އެ މައްސަލަތައް ހައްލުކުރުމަށް ކެބިނެޓަށް ހުށަހެޅި ކަރުދާހެއް ބޭރުކޮށްލުމުންނެވެ. އަދި އެ މައްސަލަތައް ހައްލުކުރަންދެން އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށް ޔޫނިއަންތަކުން ބުންޏެވެ.

ލަންކާގެ ރެއިލްވޭ ޑިޕާޓްމެންޓުން މިހާރު ވަނީ އެ އިހުތިޖާޖާ ދެކޮޅު މުވައްޒަފުން ލައްވާ ބައެއް ސަރަހައްދުތަކަށް ރޭލުގެ ހިދުމަތްތައް ދޭން ފަށާފައެވެ.

އަދި ލަންކާގެ ޓްރާންސްޕޯޓު ބޯޑުން ވަނީ އެގައުމުގައި ދަތުރުކުރާ ބަހުގެ އަދަދު އިތުރުކޮށް، މިދުވަސްވަރު ޖީސީއީ އޭލެވެލް އިމްތިހާނު ހަދަމުންދާ ދަރިވަރުންނަށް ބަހުގެ ހިދުމަތް ހިލޭ ދިނުމަށް ނިންމާފައެވެ.