އުތުރުގެ ތިން އަތޮޅަކަށް ސިއްހީ ހިދުމަތް ދިނުމަށް އުފައްދާފައިވާ، ނޮދަން ހެލްތު ކޯޕަރޭޝަނުން ނޯޓިސް ދިނުމަކާ ނުލައި 10 މީހަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރ. އުނގޫފާރުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ހެލްތު އޮގްޒިލަރީގެ މަގާމުގައި ތިބި 10 މީހަކު ކުއްލި ގޮތަކަށް އިއްޔެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރުމުން އެ މީހުން ތިބީ ނަފުސާނީ "ބަލިމަޑުކަމެއްގެ" ތެރޭގައި ކަމަށެވެ.

ނ، ރ، ބ، ޅ. އަތޮޅު ތަމްސީލު ކުރާ ނޮދަން ހެލްތު ކޯޕަރޭޝަނުން ވަކިކުރި މީހުންގެ ތެރޭގައި 20 އަހަރާއި 15 އަހަރާ ދެމެދު ހިދުމަތްކޮށްފައިވާ މީހުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ސިވިލް ސާވިސް އިން ވަކިވެ، ހެލްތު ކޯޕަރޭޝަނާ ގުޅުނީ އަޅުގަނޑުމެން ވަޒީފާ އިން ނުކަނޑާނެ ކަމުގެ ޔަގީންކަމާ އެކު. ނަމަވެސް މިއަދު އަޅުގަނޑުމެން އެކަމުގެ ހިތާމަކުރަން،" އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި، އަދި ވަޒީފާ އިން ކަނޑާލި އެހެން މީހަކު ބުންޏެވެ.

ކުއްލި ގޮތަކަށް 10 މީހަކު ވަޒީފާ އިން ވަކި ކުރީ ދެ މަސް ދުވަހުގެ މުސާރަ ދޭނެ ކަމަށް ބުނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ވަޒީފާ އިން ވަކިކުރި އިރު އެ މީހުން ވަނީ، ދިރިއުޅުން ތަރައްގީކޮށް، ގެދޮރު އިމާރާތް ކުރުމަށް ސުކީމްތަކުން ބޮޑެތި ލޯންތައް ނަގާފައި ކަމަށާއި މިހާރު އެ ލޯންތައް ވެސް ދެއްކެން ނެތް ކަމަށެވެ.

ނޮދަން ހެލްތު ކޯޕަރޭޝަނުގެ ހިއުމަން ރިސޯސް ޑައިރެކްޓަރު އަހުމަދު ނާޝިދު މިއަދު ވިދާޅުވީ ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް އެ މީހުން ވަޒީފާ އިން ވަކިކުރީ ތިން މަހުގެ މުސާރަ އާއި އެލަވަންސް ދޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ.

"މި ބޭފުޅުންނަކީ ނަރުހުންގެ ބަދަލުގައި ނަރުހުންގެ ހިދުމަތަށް ނަގާފައި ތިބި ބައެއް. ނަރުހުންގެ ވަޒީފާ ނަރުހުން ނޫން ބަޔަކު އަދި ޑޮކްޓަރުންގެ ވަޒީފާ ޑޮކްޓަރުން ނޫން ބަޔަކު ދިނުމަކަށް ގަބޫލެއް ނުކުރާނެ. މިއީ އެ ބޭފުޅުންނަށް ކުޑައިމީސް ބަހެއް ބުނުމުގެ ގޮތުން ދެންނެވި ވާހަކައެއް ނޫން. އެހެންވެ އެ މީހުން ވަޒީފާ އިން ވަކިކުރީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްތު އޮގްޒިލަރީގެ މަގާމުގައި ތިބި މީހުން ވަޒީފާ އިން ވަކިކުރީ ކެޕޭސިޓީ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.