ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމީ ދުސްތޫރުތަކާ ބެހޭގޮތުން ޖުޑީޝަލް ސާވިސެސް ކޮމިޝަނުގެ ކުރީގެ މެމްބަރު ޝަމްސުލް ފަލާހު، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝަމްސުލް ފަލާހަކީ މިހާރު ނިއުޒިލެންޑުގެ ޔުނިވާސިޓީއެއްގައި ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާއަކީ މީގެ ކުރިން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި ގައުމީ ޔުނިވާސިޓީގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

އޭނާ ވަނީ ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީގެ އިތުރުން، އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން ލޯއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. ދާދި ފަހުން ޝަމްސުލް ފަލާހު ވަނީ ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑަށް އޭނާގެ ޕީއެޗްޑީ ތީސީސް ހުށަހަޅުއްވާފައެވެ.

ޝަމްސުލް ފަލާހު ޖޭއެސްސީގައި ޚިދުމަތް ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ މެއި މަހުގެ 22 ގެ ނިޔަލަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފަލާހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ.

އެ ތަގުރީރު އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެެ ޖަމިއްޔާ އެމްއެންޔޫއެސްގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަލީ އަމީރު "ސަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެ ތަގްރީރު އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

އަމީރު ވިދާޅުވީ އެ ތަގުރީރު އޮންނާނީ އެމްއެންޔޫގެ އޮޑިޓޯރިއަމްގައި، އާންމުންނަށްވެސް ވަދެވޭ ގޮތަށް ގުޅުވާލައިގެން ކަމަށެވެ.

ރާއްޖޭގައި ގާނޫނު އަސާސީ ޑިމޮކްރެޓިކް އުސޫލުތަކަށް ފެތޭގޮތަށް ބަދަލުކުރުމަށް ފަހު އެ ގާނޫނުތައް އިސްލާމްދީނާ ގުޅުން ހުރި ވަރާ ބެހާގޮތުން އެ ތަގުރީރުގައި އަލިއަޅުވާލާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މި އަހަރަކީ މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ ތަސްދީގުކުރިތާ 10 އަހަރު ފުރުނު އަހަރެވެ. އާ ގާނޫނު އަސާސީ ތަސްދީގުކުރެވުނީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުއެވެ.