ގެންގްޓޮކް (ސެޕްޓެމްބަރ 19): އިންޑިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކަށް 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ދުނިޔޭގެ ބިންހެލުންތައް ބަލައި ދިރާސާކުރުމުގައި މަޝްހޫރު އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ބުނިގޮތުގައި މި ބިންހެލުމުގެ މަރުކަޒުހުރީ އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ސިއްކީމްގެ ވެރިރަށް ގެންގްޓޮކްގެ ހުޅަނގު އުތުރުން 45 ކިލޯމީޓަރުގެ ދުރުގައިވާ ހިސާބެއްގެ ބިމުއަޑީގައި 10 ކިލޯމީޓަރު ފުނުގައެވެ.

އިންޑިޔާގެ ޑިޒާސްޓާ މެނޭޖްމެންޓުން ބުނިގޮތުގައި މިބިންހެލުމުގެ ސަބަބުން މީހަކު މަރުވިކަން އެނގިފައެއްނުވެއެވެ. ނަމަވެސް ސިއްކީމްގެ ބައެއް ރައްތަކާއި ވިލެޖްތަކުގެ ގެތަކުގައި ރެނދުއެޅުންފަދަ ގެއްލުންތައް ލިބިފައިވާ ކަމުގެ މަޢްލޫމާތުދަނީ ލިބެމުންނެވެ.

ސިއްކީމަކީ އިންޑިޔާގައި އެންމެ އާބާދީ ކުޑަ ސްޓޭޓެވެ. މިސްޓޭޓް އޮންނަނީ ހިމާލިޔާ ސަރަޙައްދުގައި ނޭޕާލާއި ބޫޓާނާ އަދި ޓިބެޓްގެ ކައިރީގައެވެ. މިބިންހެލުމުގެ އަސަރު ނޭޕާލަށްވެސް ކުރިކަމަށާއި ބިންހެލުމަށްފަހު އެ ހިސާބުގެ ގިނަ ސަރަޙައްދުތަކުގެ ބިންގަނޑަށް ކުދިކުދި ލޮޅުންތައް އަރަމުންދާ ކަމަށް ސައިސްމޮލޮޖީގެ ދިރާސާތަކާބެހޭ އިންޑިޔާގެ މަރުކަޒުން ބުނެއެވެ.

އިންޑިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކަށް ރޭ އައި ބިންހެލުމުގައި ނޭޕާލުން ފަސް މީހަކު މަރުވިކަމަށް އެޤައުމުގެ ޓީވީ ޚަބަރު ދެއެވެ. މިބިންހެލުމުގެ ލޮޅުންތައް ބަންގްލަދޭޝް ގެ ބައެއް ހިސާބުތަކަށްވެސް އެރިކަމަށް އެޤައުމުން ބުނެއެވެ.
-- ރޮއިޓާސް