09 Aug 2018, 15:48
މި ހިނގާ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާނެ ފިލްމު ""ސަތިޔަމޭވް ޖަޔަތޭ"ގައި ހިމެނޭ ނޯރާ ފަތެހީގެ "ދިލްބަރް" ލަވައިގެ ޖާދޫގައި އެއްތައް ބަޔަކު ޖެއްސުމަށްފަހު އޭނާގެ އިތުރު އައިޓަމް ލަވައެއް އަނެއްކާވެސް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.
އެ ލަވައަކީ މި މަހުގެ 31 ވަނަ ދުވަހު ރީލީޒްކުރަން ހަމަޖެހިފައިވާ، ޝްރައްދާ ކަޕޫރާއި ރާޖްކްމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާނެ ހޮރޯ ކޮމެޑީ، "ސްޓްރީ" ފިލްމުގައި ހިމެނޭ "ކަމަރިޔާ" ނަމަކަށް ކިޔާ ފޯރި ގަދަ ލަވަ އަކެވެ.
ނޯރާ މިހާރު މިވަނީ އެ ލަވައިގެ ޝޫޓިން ވެސް އެއްކޮށް ނިންމާލާފައެވެ. "ދިލްބަރް" އަށް ފަހު މިފަހަރު ފެންނާނެ "ކަމަރިޔާ" ވެސް ނުލާހިކު ހިޓް ވާނެ ކަން ޔަގީނެވެ.
ނޯރާގެ "ކަމަރިޔާ" ލަވައިގެވީޑިއޯ ކޮޅެއް.....
ކުޅަދާނަ ޑައިރެކްޓަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ސްޓްރީ"ގައި ހިމެނޭ އެ ލަވައިގައި ވެސް ނޯރާގެ ހުނަރު އެންމެ ފުރިހަމަޔަށް ދައްކާނެއެވެ. އޭނާގެ މޮޅު ނެށުމަށް ގިނަ ބަޔަކު ދަނި ތައުރީފް ކުރަމުންނެވެ.
"ދިލްބަރް" އަށް ފަހު ނޯރާ އެކްޓް ކޮށްދޭ އަގު ބޮޑު ކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނަމުން ދާއިރު ސަލްމާން ޚާންގެ "ބާރަތު" އިން ވެސް ނޯރާ ފެންނާނެއެވެ.