09 Aug 2018, 13:29
ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ މައްސަލާގައި ސާފުކޮށްދޭން އެދުނު ކަންކަން ސާފުކޮށް ނުދީ ކަމަށް އެ ޓީވީން ބުނެފި އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ވަނީ އިއްޔެ ޖޫރިމަނާކޮށްފަ އެވެ.
އެކަމާ ގުޅިގެން ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ބްރޯޑް ކޮމްއިން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ ގޮތުން މައްސަލަ ރައްދުވާ ފަރާތައް ސާފުކޮށްދޭން ޖެހޭ ކަންކަން ސާފުކޮށް ނުދީ ކަމަށެވެ.
"މައްސަލަ ނިންމާފައި ވަނީ ވާހަކަ ދެއްކި ކަމަށް ބުނާ މީހާއާ އެންމެ ކުޑަމިނުން ސުވާލެއް ވެސް ކޮށްލުމެއް ނެތި. ރާއްޖެ ޓީވީން ތަކުރާރުކޮށް އެދެމުން ދިޔައީ އެ ކޮންޓެންޓުން އަބުރު ގެއްލޭ ގޮތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާގޮތެއް ސާފުކޮށް ބުނެ ދިނުމަށް،" ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖެ ޓީވީން ބުނީ އެމައްސަލާގައި ޖަވާބު ދާރީ ވެވޭނީ ގައުމީ ސަލާމަތަށް ނުރައްކާވަނީ ކިހިނެއްކަން ސާފުކޮށްދިނުމުން ކަމަށް ބްރޯޑްކޮމްއަށް އެންގި ކަމަށެވެ.
އަދި ގައުމީ ސަލާމަތަށް ނުރައްވާ ފަދަ ވާހަކައެއް އިންޓަވިއު ދިން މީހާ ދެއްކި ކަމަށް ބްރޯޑްކޮމް އިން ބުނި ނަމަވެސް ގައުމީ ސަލާމަތުގެ ކަންކަން ބަލަހައްޓަން ގާނޫނުން މަތިކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިހާތަނަށް އެއްޗެއް ބުނެފައި ނުވާ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.
މީގެ ކުރިން ވެސް ރާއްޖެ ޓީވީ ވަނީ އެކި ފަހަރު މަތިން ޖުމްލަ 1.7 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އެ ފައިސާ ވަނީ ބްރޯޑްކޮމްއަށް ދައްކައިފަ އެވެ.