18 Sep 2011, 20:00
ހދ. އަތޮޅު ރަށްތަކަށް އަމާޒުކޮށްގެން އެންޓި ކޮރޮޕްޝަން ކޮމިޝަނުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މިމަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ހދ އަތޮޅު ހުރިހާ ރަށެއްގެ ސްކޫލްތަކުގެ އަށަކުން ފެށިގެން މަތީ ހުރިހާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ރަށްރަށުގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ދައުލަތު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންނަށް މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އޭސީސީން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ސްކޫލްތަކުގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ދަރިވަރުން ކިޔަވައި ނިމޭއިރު ކޮރޮޕްޝަނަކީ ކޯއްޗެއްކަން އުގަންނައިދީ ކްރޮޕްޝަންގެ އަމަލުތަކާ ދުރުބަޔަކަށް ހެދުމާއި މުއައްސަސާތަކުގެ މުވައްޒަފުންނަކީ ކޮރޮޕްޝަނާ ދެކޮޅު ބަޔަކަށް ހަދައި އެކަމަށް ބޭނުންވާ ހުނަރުތަކާއި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ސިފަތައް މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަށް ކަމަށެވެ.