ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިތާ 10 އަހަރު ފުރޭއިރު ގާނޫނު އަސާސީއަށް އުނިކަން ލިބޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުން ދާ ކަމަށް ބުނެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 10 އަހަރުފުރުން ފާހަގަ ކުރުމަށް ދުސްތޫރީ ފަސާނާގެ ނަމުގައި ރޭ ސޯލްޓް ކެފޭގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު ވިދާޅުވީ ރާއްޖޭގައި ހައްގުތަކާއި މިނިވަންކަން ގާނޫނު އަސާސީއެއްގައި ލިޔެވި އަމަލު ކުރެވުމުން އަންނަނީ މިހާރު މި އަމަލު ކުރަމުންދާ ގާނޫނު އަސާސީގައި ކަމަށެވެ.

ރިފްއަތު ވިދާޅުވީ ގާނޫނު އަަސާސީގެ ބޭސިކް ސްޓްރަކްޗާއަށް އަސަރުކުރާ ގޮތަށް ގިނަ ގާނޫނުތަކެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ގާނޫނު އަސާސީއަކީ ދައުލަތުގެ އެއްވެސް މީހަކަށް އެއްވެސް މުއައްސަސާއަކަށް އެއަކާ ހިލާފު ނުވެވޭނެ ލިޔުމެއް ކަމަށެވެ.

"އެއީ ގާނޫނު އަސާސީއަކީ މުޅި ދައުލަތް އެމައްޗަށް ބިނާވެފައިވާ މައިގަނޑު ބިންގާ ކަމުގައި ވާތީ. އެއާ ހިލާފު ވެއްޖެއްޔާ އެ ބިންގާ ރޫޅިގެން ހިނގައިދާނެތީ." ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް ގާނޫނު އަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ޝަރުތުތަކަށް ބަދަލު ގެނައީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް ސުއޫދު ތުހުމަތުކުރެއްވި އެވެ.

"ގާނޫނު އަސާސީގައި އެބަ އޮވޭ ވަކި އުސޫލަކުންނޭ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުން ވަކިވާނީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިވާނެ އިތުރުގޮތެއް ކަނޑައެޅުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ދީފައެއް ނެތް." ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން ފަނޑިޔާރުން އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ސުޕްރީމް ކޯޓުން އެންގުމެއް އަންގާފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. ފަނޑިޔާރުން އައްޔަން ކުރުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގާނޫނު އަސާސީން ދީފައިވާ ބާރެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަންކަން ކުރިއަށް ގެންދިއުމުގައި އެއްވެސް މީހެއްގެ ލަފައަކަށް އަހަން ޖެހެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް ސަރުކާރުން އަމަލު ކުރޭތޯ ފާރަވެރިވާން ގާނޫނު އަސާސީ ކަނޑައަޅާފައިވާ މިނިވަން މުއައްސަސާތަކުން ވެސް ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ.

ވަކީލުން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލީ ގިނަބައެއްގެ ބުރަ މަސައްކަތުން ފޮނި އުންމީދުތަކަކާ އެކު ކަމަށެވެ. އެހެންވީމަ ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރުމަކީ މުޅިގައުމަށް އޭގެ ދެރަ ފެނިގެންދާނެ ކަމެއް ކަމަށް ވަކީލުން ފާހަގަކުރި އެވެ.