18 Sep 2011, 18:34
ފުވައްމުލަކުގައި މިދިޔަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން މަރުވި އެރަށު ދޫޑިގަމް އާސްމާނުގޭ އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި އެރަށު ކަރަންކާއާގޭ، ހަސަން ފަރީދު، ޝުހާދުގެ ގަޔަށް ވަޅި ހެރި ކަމަށް ޝަރީއަތުގައި މިއަދު ހަތް މީހަކު ހެކިބަސްދީފިއެވެ.
ހަމަ އެ މައްސަލައާ ގުޅިގެން ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކި ކަމުގެ ދައުވާ އިތުރު ތިން މީހަކާއެކު އުފުލާފައިވާ ފަރީދުގެ ޝަރީއަތުގައި މިއަދު ހަތް މީހަކު ހެކިބަސް ދިނެވެ. އެ މީހުންގެ ހެކިބަސް ނެގީ ފޯން މެދުވެރިކޮށް އަޑު ބަދަލުކޮށްގެނެވެ.
އޭގެ ތެރެއިން ފުރަތަމަ މީހާ ބުނީ އޭނާ ފުވައްމުލަކު ތެޔޮފިނިގޭ ޖޯލިފަތީގައި އިންދާ ޒަމާނީވިލާ އަބްދުﷲ ޒާހިރު އާއި ފަރީދު ހަތަރު އަނގޮޅި ކަންމަތީ މަޑުކޮށްގެންތިބެ ޝުހާދާއި، ހާމްގެ ގަޔަށް ވަޅިހެރި މަންޒަރު އޭނާއަށް ފެނިފައިވާ ކަމަށެވެ.
"އަޅުގަނޑު ތެޔޮފިނިގޭގެ ގޯތިތެރޭގައި ހުއްޓާ ހަތަރު މީހަކު ސައިކަލުން އައި. އެ ހަތަރު މީހުންގެތެރެއިން ހަސަންފަރީދު (ޝުހާދު ގަޔަށް) ވަޅިހެރި މަންޒަރު އަޅުގަނޑު ދުށިން. އޭނާ ފުރަތަމަ ވަޅިހެރީ ޝުހާދު ގަޔަށް ދެން ރަޒީނުގަޔަށް އެއަށްފަހު ހާމުގަޔަށް،" މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސް ދިން އެހެން މީހަކު ބުންޏެވެ.
ހެކިންގެ ގޮތުގައި ދެން ހާޒިރު ކުރި އަނެއް ފަސް މީހުން ވެސް ބުނެފައި ވަނީ ޝުހާދު ގަޔަށް ވަޅި ހެރި ކަމަށާއި އެ މަންޒަރު އެމީހުން ދުށް ކަމަށެވެ.
ހެކިވެރިންގެ ބަސް ޝަރީއަތަށް ފަހު އެމީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ފަރީދަށް ވެސް ދިނެވެ. ފަރީދު ވަނީ ހަތް ހެކިންނާ ގިނަ ސުވާލުތަކެއް ވެސް ކޮށްފައެވެ. ނަމަވެސް ހެކިވެރިން މައިގަނޑު ގޮތެއްގައި ބުނީ މައްސަލައިގެ ތަހުގީގަށް އެމީހުން ބަޔާނެއް ދީފައިވާނެ ކަމަށާއި އެމީހުންނަށް ފެނުނު ކަންކަން އެ ބަޔާނުގައި ހުންނާނެ ކަމަށެވެ.
ޝަރީއަތުގައި މިއަދު ހެކި ބަސް ނެގުމަށް ގާޒީ ވިދާޅުވީ މި މައްސަލަ ދެން އޮންނަ ދުވަހެއްގައި ޝަރީއަތަށް ހުލާސާ ބަޔާން ނަގާނެ ކަމަށާއި ހަމަ އެދުވަހު ޝުހާދުގެ ވާރިސުންގެ ބަސް ވެސް ހޯއްދަވާނެ ކަމަށެވެ.
ގަސްދުގައި މީހަކު މެރި ކަމަށް ފަރީދުގެ މައްޗަށް ކުރާ ދައުވާއާއެކު އެއް މަޖިލީހެއްގައި ޣައިރު ގާނޫނީ އަމަލަކުން ބާރު ދެއްކުމުގެ ތުހުމަތުގެ ދައުވާ ވެސް ފަރީދާއި އެ މައްސަލައިގައި ހިމެނޭ އިތުރު ތިން މީހެއްގެ މައްޗަށް މިއަދު ހިންގި އެވެ. އެ ޝަރީއަތުގައި ވެސް އޮތީ ހަތް މީހެއްގެ ހެކި ބަސް ނެގުމެވެ. ހެކި ބަސް ދިނީ ފަރީދުގެ މައްޗަށް ކުރި މަރުގެ ދައުވާގައި ވެސް ހެކިބަސް ދިން ހަތް މީހުނެވެ.
ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ތުހުމަތުގެ ދައުވާގައި ފަރީދާއެކު ދެން ހިމެނެނީ ޏ ފުވައްމުލަކު ޒަމާނީވިލާ، އަބްދުﷲ ޒާހިރު އާއި އެރަށު ބާނޒު، ނިއުޝާދު މުހައްމަދާއި ކުއޭތު ޝުފާއު އަހުމަދެވެ.