14:30


ހދ.މަކުނުދޫ ކައިރީގައި އޮތް ޑިންގީއެއްގެ ތެރެއިން ފެނުނު ސޯމާލިއާގެ ހަ މީހުންގެ ތެރެއިން މަރުވެފައިވާ ކަމަށް ރަސްމީ ބައެއް ފަރާތްތަކުން ކުރިން ބުނި މީހާ މިއަދު ހިނަވަން އުޅެނިކޮށް ހޭ އަރައިފި އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބުދުﷲ އަލީ މިއަދު ވިދާޅުވީ އެމީހާ މަރުވެފައިވާ ކަމަށް ކުރިން ބުނެފައިވަނީ އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ކަމަށެވެ. އެހެންނަމަވެސް އޭނާ ދިރިހުރިކަން އެނގުމުން މިހާރު އޭނާ އަށް މަކުނުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ.


މަކުނުދޫ ކަތީބު މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ޑިންގީ ތެރެއިން ފެނުނު ސޯމާލިއާގެ ހަ މީހުންގެ ތެރެއިން މަރުވެފައި ކަމަށް ހީކުރި މީހާ ހިނަވާ ކަފުން ކުރުމަށް ތައްޔާރުވެފައި ވަނިކޮށް އޭނާ ދިރި ހުރި ކަން އެނގުނީ އޭނާ އޮތް ޑިންގީގެ ތެރެއިން ނަގަން އުޅެނިކޮށް ކަމަށެވެ. އަދި އެމީހާ ދިރިހުރިކަން އެނގުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށްވެސް މުހައްމަދު އަހުމަދު ވިދާޅުވި އެވެ. އަދި މީހާރު ކޮންމެވެސް ވަރަކަށް އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.


މަކުނުދޫ ކަތީބު އިތުރަށް ވިދާޅުވީ ޑީންގީ ތެރޭގައި ތިބި ހަ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 25 އަހަރުގެ މީހަކު ފިޔަވައި ދެން އުޅެނީ އުމުރުން 14 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ފުރަތަމަ ފަރުވާން ދޭން ފެށި ފަސް މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދާ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.