09 Aug 2018, 12:02
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވިި އެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ފައްޓަވައިދެއްވައިފަ އެވެ. މީގެ އިތުރުން މަޑަވެއްޔާއި ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދަތުފުޅުގައި ރައީސް ޔާމީން ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައިފަ އެވެ. އަދި އެ ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތައް ވެސް ހުޅުއްވައިދެއްވައިފައިވެ އެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން ކޮނޑޭގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވި އެވެ. އަދި އެއަތޮޅު ކޮލަމާފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވި އެވެ.
މީގެއިތުރުންވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގް ޔުނިޓްތައް ވެސް ހުޅުއްވައިދެއްވި އެވެ. އަދި އެ އަތޮޅު ކޫއްޑޫ މަސްވެރިންގެ މެރީނާ ވެސް ރައީސްގެ ދަތުރުފުޅުގައި ހުޅުއްވައިދެއްވި އެވެ.