ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަސިއާ ކާސްޓްރޯ ގުއެވޭރާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ކިއުބާގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުންނާއި އިޤްތިޞާދު ރަނގަޅުކުރެއްވުމަށް ކިއުބާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭގޮތުން ކިއުބާގެ ސަފީރު، ރައީސް މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުން ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ކުނިއޯ ޓަކަހާޝީ، ވަނީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފަ އެވެ.

މިއަދު މެންދުރުފަހު، ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، މި ޚިދުމަތްތަކަށްޓަކައި މިސްޓަރ ޓަކަހާޝީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ޖަޕާން ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ ތަފާތު އެހީތަކަށްޓަކައިވެސް ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ޖަޕާނު ސަފީރު ކުނިއޯ ޓަކަހާޝީ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަށް އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަރާތުން ޖަޕާނަށް ފޯރުކޮށްދިން އެހީއަށްޓަކައި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ސަރުކާރަށާއި، ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.