09 Aug 2018, 09:41
ބޭންކޮކް (އޮގަސްޓު 9): ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި ފަހުން މިދިޔަ މަހު ސަލާމަތް ކުރި ތިން ކުއްޖަކާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗަށް އެ ގައުމުގެ ރަށްވެހިކަން ދީފި އެވެ.
މިދިޔަ ޖޫން މަހުގެ 23ގައި 'ވައިލްޑް ބޯސް' ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެކުދިންގެ ކޯޗު ތަމް ލުއަންގް ހޮހޮޅައިގައި ތާށިވުމުން، އެކުދިން ސަލާމަތް ކުރުމަށް ކުރިއަށްގެން ދިޔަ އޮޕަރޭޝަނަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އަދި އޭގެ ތެރެއިން ތިން ކުއްޖަކާއި އެކުދިންގެ ކޯޗަކީ ތައިލޭންޑުގައި ދިރިއުޅޭ 'އެއްވެސް ގައުމަކަށް ނިސްބަތް ނުވާ' 480،000 މީހުންގެ ތެރޭގައި ހިމެނޭ ކުދިން ކަމަށް ނޫސްތަކުން ހާމަ ކުރި އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެކުދިން ގެއްލުމުގެ ކުރިން، އެކުދިންނާއި ކޯޗު ވަނީ ތައިލޭންޑުގެ ރަށްވެހިކަމަށް އެދި ފޯމުލައިފަ އެވެ.

ހޮހޮޅައިގައި ތާށިވިކުދިން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ދިން ފުރަތަމަ ޕްރެސްކޮންފަރެންސްގެ ތެރެއިން--
ޗިއަންގް ރައި ޑިސްޓްރިކްޓުގެ ޗީފް އޮފިސަރު ސޮމްސަކް ކަނަކަމް ވިދާޅުވި ގޮތުގައި އެކުދިންނަށް ތައިލޭންޑުގެ ރަށްވެހިކަން ދިނުމަށް ހުރިހާ ޝަރުތުތައް ފުރިހަމަވެ އެވެ. އަދި އެކުދިންނާއި ކޯޗަށް އިއްޔެ ރަށްވެހިކަން ދިނުމާއި ހޮހޮޅައިގެ ހާދިސާއާ ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައިލޭންޑުގައި ދިރިއުޅޭ 'އެއްވެސް ގައުމަކަށް ނިސްބަތް ނުވާ' ގިނަ މީހުންނަކީ މިޔަންމާ އާއި ލާއޯސް އާއި ޗައިނާއަށް ނިސްބަތްވާ މީހުންނެވެ.
ތަމް ލުއަންގް ހޮހޮޅާގައި އެ12 ކުދިންނާއި ކޯޗު ތާށިވި ފަހުން، އެކުދިން ފެނުނީ ނުވަ ދުވަސް ފަހުންނެވެ. އަދި އިންޓަނޭޝަނަލް ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ އަށެއްގަ އެވެ. އެ މަސައްކަތް ކާމިޔާބުވީ ތިން ދުވަހު މަސައްކަތުންނެވެ.
އޭގެ ފަހުން ހަފްތާއެއްހާ ދުވަސް ވަންދެން އެކުދިންނާއި ކޯޗަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.