18 Sep 2011, 17:34
ޕްރެމިއާ ލީގުގައި ޗެލްސީ އަށް ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ނުހިފެހެއްޓޭނެ ކަމަށް މި ދެ ކުލަބަށް ކޯޗުކަން ކޮށްދިން ހަމައެކަނި ކޯޗު ޓޮމީ ޑޮޗާޓީ ބުނެފިއެވެ. މިރޭ އޯލްޑް ޓްރެފޯޑްގައި ޗެލްސީއާ ދެކޮޅަށް ކުޅެ މޮޅުވާނީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ވެސް ޑޮޗާޓީ ވަނީ ބުނެފައެވެ.
ޑޯޗާޓީ ގަބޫލުކުރާ ގޮތުގައި ޕްރެމިއާ ލީގު ކުލަބުތަކުގެ ތެރެއިން މެންޔުނައިޓެޑާ ވާދަ ކުރެވޭ ވަރުގެ ހަމައެކަނި ޓީމަކަށް ވާނީ މެންޗެސްޓާ ސިޓީ އެވެ. ނަމަވެސް އެކަން ސިޓީއަށް ވާން އޮތީ ފޯމުގައި ހުރި އެޑިން ޖެކޯ ބާކީކޮށް އާޖެންޓީނާ ދެފޯވަޑުން ކަމަށްވާ ކާލޮސް ޓެވޭޒާއި ސާޖިއޯ އަގުއެރޯ ފޯވާޑް ލައިނަށް ލައިގެން ކަމަށް ޑޮޗާޓީ ބުނެ އެވެ.
ޑޮޗާޓީ ވަނީ ޗެލްސީ އަށް 1965 ވަނަ އަހަރުގެ ލީގު ތަށި ހޯދައިދީ މެންޗެސްޓާ ޔުނައިޓެޑަށް 1977 ވަނަ އަހަރުގެ އެފްއޭ ކަޕް ތަށި ކާމިޔާބު ކޮށްދީފައެވެ. މި ދެކުލަބުގެ އިތުރުން އެސްޓަން ވިލާއާއި ޕޯޓޯއަށް ވެސް ޑޮޗާޓީ ކޯޗުކަން ކޮށްދީފައި ވެއެވެ.
"ޗެލްސީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާންޑޯ ޓޮރޭސްގެ ފަރާތުން ގޯލުތައް ނުފެނުން. ޓޮރޭސް މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ގޯލެއް ޖެހުމަކީ އަހަރެން ހައިރާންކުރަނިވި ކަމަކަށް ވެގެންދާނެ. މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދުމަކީ ޗެލްސީއަށް ވަރަށް އުނދަގޫކަމެއް. މެޗުން މޮޅުވާނީ މެން ޔުނައިޓެޑް." ޑޮޗާޓީ ބުންޏެވެ.
މިސީޒަނުގެ އެންމެ ވާދަވެރި ކުޅުމެއް ފެނިގެންދާނީ މެންޗެސްޓާއަށް ނިސްބަތްވާ ދެކުލަބުގެ ފާރާތުންކަމަށް ޑޮޗާޓީ ބުންޏެވެ.
"މިސީޒަނުގައި މެންޔުއިޓެޑާއި އެންމެ ވާދަވެރި ކުޅުމެއް ފެނިގެންދާނީ މެންސިޓީގެ ފަރާތުން. ހަމަގައިމުވެސް އެކަން އާސެނަލް އަކަށް ނުވާނެ. މެންސިޓީއިން ޖެހޭނެ އަގުއެރޯ އާއެކު ޓެވޭޒް ކުޅެން ނެރެން. ޖެކޯ އަށް ވުރެ އަގުއެރޯ އަށް ފައިދާ ބޮޑުވާނީ ޓެވޭޒާއެކު." ޑޮޗާޓީ ބުންޏެވެ.