09 Aug 2018, 08:46
އިރާގަކީ ހަނގުރާމައިގެ ސަބަބުން މުޅިން އަލުން އާރާސްތު ކުރަން މަޖުބޫރުވެފައިވާ ގައުމެކެވެ. އެގައުމު މިހާރު އާރާސްތުކުރުމުގެ މަގުމަތީގައިވާ އިރު، އެންމެ ބޮޑަށް އާރާސްތު ކުރަން ޖެހިފައިވާ އެއްކަމަކީ ވެރިރަށް ބަޣްދާދުގެ ދަތުރުފަތުރުކުރުމުގެ ނިޒާމެވެ.
ގާތްގަނޑަކަށް ނުވަ މިލިއަން މީހުން ދިރިއުޅޭ ބަޣްދާދުގައި މިހާރު މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅެނީ ކާރާއި، ޓެކްސީ އަދި މިނީބަސް ތަކުގައެވެ. އެހެން ނަމަވެސް ހަލާކުވެފައިވާ މަގުތަކާއި ސިފައިންގެ ގިނަ ގުނަ ޗެކްޕޮއިންޓުތަކުގެ ސަބަބުން ދަތުރުފަތުރުކުރުން ވަނީ އުނދަގޫ ކަމަށެވެ. އަދި ޓެކްސީތަކާއި ދަތުރުފަތުރުކުރުމުގެ އެހެން ހިދުމަތްތަކުގެ އަގުބޮޑުކަމުން އެކަން ވަނީ ހަރަދު ބޮޑު ކަމަކަށެވެ.
މީގެ އިތުރުން، ޓްރެފިކްގެ މައްސަލައަކީ ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބަޣްދާދުގެ މެދުގައި ޓައިގްރިސް ކޯރު އޮންނަ އިރު، އެ ކޯރު ހުރަސް ކުރެވެނީ 13 ބްރިޖެއް މެދުވެރިކޮށެވެ. އެ ބްރިޖުތަކުގައި ޓްރެފިކް ބޮޑުކަމުގެ ޝަކުވާ ބަގްދާދުގެ ރައްޔިތުން އަބަދުވެސް ކުރެއެވެ.

ބަގްދާދުގައި ކޯރު ޓެކްސީގެ ހިދުމަތް ފަށަން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައި ---
މި ސަބަބުތަކާ ހުރެ ބަޣްދާދުގައި ދަތުރުފަތުރުކުރުން ވަނީ ވޭން ހުރި ކަމަކަށެވެ. އެހެން ނަމަވެސް، އެ މައްސަލަ ހައްލު ކުރަން މުޅިން އާ ހިދުމަތެއް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ މައްސަލަ ހައްލު ކުރަން ހުޅުވާ ދޮރުގެ ތަޅުދަނޑިއަށް ވެފައި ވަނީ ބަޣްދާދު ދެބައި ވަކި ކުރާ ތިގްރިސް ކޯރެވެ.
އިރާގުގެ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ބަޣްދާދުގެ ޕްރޮވިންޝަލް ކައުންސިލާއި ގުޅިގެން މިހާރު ދަނީ ތިގްރިސް ކޯރު ހުރަސްކޮށް ދެވޭނެ ކޯރު ޓެކްސީގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ހިދުމަތުގެ އަމާޒަކަށް ވެފައި ވަނީ ފަސޭހައިން، އަގުހެޔޮކޮށް އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައި ދިނުމެވެ.
މި އަހަރުގެ ކުރީ ކޮޅު ބަޣްދާދުގެ ޕްރޮވިންޝަލް ކައުންސިލުން ވަނީ އެ ހިދުމަތް ދެވޭނެ ގޮތެއް ބެލުމަށް ޓެސްޓު ދަތުރުތަކެއް ކޮށްފައެވެ. ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ އެ ޓެސްޓުތަކުގައި ކޯރު ޓެކްސީތައް އެއް ސްޓޭޝަނުން އަނެއް ސްޓޭޝަނަށް ފޮނުވައި، ކުރިމަތިވެދާނެ ގޮންޖެހުންތައް ބަލާފައިވެއެވެ.

ކޯރު ޓެކްސީ ބަނދަރު ކުރާ ސްޓޭޝަންތައް--
ކުރިއަށް އޮތް ސެޕްޓޭމްބަރު މަހުގެ ތެރޭގައި ފަށަން ރާވާފައިވާ އެ ހިދުމަތް ފެށުމާއެކު އެކި ވަރުވަރުގެ 22 ކޯރު ޓެކްސީ ބޯޓު ބޭނުން ކުރަން ފަށާނެއެވެ. އަދި އެ ޓެކްސީގެ ބޮޑު ކުޑަ މިނަށް ބަލައި ހަޔަކާއި 44 އަކާއި ދެމެދުގެ އަދަދަކަށް މީހުން ބަޣްދާދުގެ އެއްފަޅިން އަނެއް ފަޅިއަށް ގެންދެވޭނެ އެވެ.
މި ހިދުމަތް ވެގެންދާނީ ބަޣްދާދުގައި ދެވޭ އެންމެ އަގުހެޔޮ އެއް ދަތުރުފަތުރުކުރުމުގެ ހިދުމަތަށެވެ. ބަޣްދާދުގައި ޓެކްސީ ދަތުރުތަކަށް 5000 ދީނާރާއި (ހަތަރު ޑޮލަރު) 10000 ދީނާރާއި (އަށް ޑޮލަރު) ދެމެދުގެ އަދަދަކަށް ނަގައެވެ. އެހެން ނަމަވެސް، ކޯރު ޓެކްސީތަކުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ނަގާނީ އެންމެ 500 ދީނާރު (0.5 ޑޮލަރު) އެވެ.
ބަޣްދާދުގެ ޕްރޮވިންޝަލް ކައުންސިލްގެ ހެޑް އޮފް ސްޓްރެޓަޖީ އެންޑް ޕްލޭނިން މުހައްމަދު އަލް ރުބައީ ވިދާޅުވީ ކޯރު ޓެކްސީގެ ހިދުމަތް ފެށުމުގައި ފަސޭހަ ކަމަކަށްވީ ބޯޓުތައް ގަތުން ކަމަށެވެ. އަދި އުނދަގޫ ކަމަކަށްވީ އެ ހިދުމަތް ފެށުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމް ކުރުން ކަމަށެވެ. އެގޮތުން ޓެކްސީތައް ޖައްސަން ބޭނުންވާ ސްޓޭޝަންތައް ހުންނަ ބިން ކުއްޔަށް ހިފުމާއި ގަތުން އުނދަގޫ ކަމަކަށްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ސަރުކާރުން ހާއްސަ ހުއްދަތަކެއް ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯރު ޓެކްސީގެ ހިދުމަތް ވެގެންދާނީ ބަގްދާދުގައި ދެވޭ އެންމެ އަގުހެޔޮ އެއް ދަތުރުފަތުރުކުރުމުގެ ހިދުމަތަށެ--
އެހެން ނަމަވެސް ރުބައީ ގަބޫލު ކުރައްވަނީ އެ ހިދުމަތުގެ ބޭނުން ބަޣްދާދުގެ ރައްޔިތުންނަށް މުހިންމު ވާނެ ކަމަށެވެ. އަދި ކޯރު ޓެކްސީތަކަށް އޮންނަ ޑިމާންޑު ބޮޑުވެ މުސްތަގުބަލުގައި އިތުރު ބޯޓުވެސް ބޭނުންވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
ކޯރު ޓެކްސީ ޓެސްޓު ކުރި ތިން މަސް ތެރޭގައި އެ ހިދުމަތުގެ ބޭނުން ކުރި ޒުވާނެއް ކަމަށްވާ އުމުރުން 22 އަހަރުގެ އަލީ މުހައްމަދު ބުނީ އޭނާއަށް އެ ހިދުމަތް ވަރަށް މުހިންމު ކަމަށެވެ. އެއީ އޭނާ ތައުލީމު ހާސިލު ކުރާ ބަގްދާދު ޔުނިވާސިޓީއަށް ދާން ޖެހެނީ ކޯރު ހުރަސްކޮށްފައި ކަމުން ކަމަށް އެނާ ބުންޏެވެ.
މުހައްމަދެކޭ އެއްފަދައިން ބަޣްދާދުގެ ގިނަ ރައްޔިތުން ތިބީ ދަތުރު ކުރަން ފަސޭހަ ގޮތްތަކެއް ތައާރަފުވުމުގެ އުންމީދުގައެވެ. ކޯރު ޓެކްސީގެ ހިދުމަތް ފެށުމާއެކު އެމީހުންގެ ހުވަފެންތަށް ހަގީގަތަކަށް ވެގެންދާނެ އެވެ. (އަލްޖަޒީރާ)