18 Sep 2011, 17:26
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައި ކޯޗެއް ނެތުމުން، އެ މަޤާމަށް ޝަރުތުހަމަވާ ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމްއިން ފަށައިފި އެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ، ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރުގެ ކުރީ ކޮޅު ހަވާލުވި އާޖެންޓީނާގެ ޑިއޭގޯ ކްރުސިއާނީ މަގާމުން ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ދިވެހި ޓީމްގެ ކޯޗު ކަމުން ކުރިސިއާނީ ވަކިކޮށްފައި ވަނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެކަން ކޮށްފައި ވަނީ އެފްއޭއެމްގެ އެކްސްކޯ އިން ނެވެ. ކުރިޝިއާނީ މަގާމުން ވަކި ކުރި ސަބަބު މިހަފުތާގެ ތެރޭގައި ހާމަ ކުރާނެ ކަމަށް އެފްއޭއެމުން މިއަދު ވަނީ ބުނެފައެވެ.
އާޒިމް ވިދާޅުވީ، ބޮޑަށް ބަލާނީ މިވަގުތު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗުންގެ ތެރޭގައި މަޤާމަށް ޝަރުތު ހަމަވާ ކޯޗަކު ހުރިތޯ ކަމަށެވެ. އެފްއޭއެމްގެ ފަރާތުން އެކަންކަން ބެލުމަށްފަހު، ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗުން ތިބީ އާދެވޭ ގޮތަށްތޯ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޗަކު ހޯދުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ. ކިހާވަރަކަށް ދިވެހި ޓީމަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކޯޗެއްތޯ. ޝައުގުވެރިކަން ފާޅުކޮށްފައިތިބި ކޯޗުންނަށް އާދެވޭ ތޯ، ނާދެވޭތޯ ވެސް ބަލަމުން މިދަނީ" ޤައުމީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓީމަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ކޯޗުން ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު، އެހުށަހެޅުންތައް މިހާރު ވަނީ އެފްއޭއެމް އަށް ލިބިފައި ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގެ އާސެނަލްގެ ޔޫތު ޓީމަށާއި ސްޕޭން ޓީމަކަށް ވެސް ކުޅުނު އަދި މިހާރު ކޯޗްކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންއަންނަ ޖުދާންގެ ޕްރޮޕޯޒަލެއް ލިބިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
"އެއްވެސް ހާލަތެއްގައި ޖުދާން ޓީމަށް ގެންނަން ނިންމާފައެއް ނުވާނެ. އެކަމަކު ޖުދާން ޓީމަށް ޝައުގުވެރިވާ ކަމަށް ބުނެ، އޭނާގެ ޕްރޮޕޯޒަލެއް ވަނީ ލިބިފަ. އޭނާގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް ޓީމާ ހަވާލުވާ ކަހަލަ ގޮތަކަށް. އޭނާ އަކީ ތަޖުރިބާހުރި ކޯޗެއް " އާޒިމް ވިދާޅުވިއެވެ.
މިވަގުތު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗުން ޓީމާއެކު މަސައްކަތް ކުރާނީ ކިހާވަރެއްގެ އަގަކަށްތޯ ބަލަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން އެ ކޯޗެއްގެ ފެންވަރަށް ބެލުމަށްފަހު އެކަން ވެސް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޖުދާން ބްލެކްބާންގެ ކޯޗަކަށް ހަމަޖައްސަން އެ ކްލަބުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.