ވީހާވެސް ފަސޭހައިން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ތައާރަފް ކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނީގެ މައި އުރީދޫ އެޕްގެ ދިވެހި ވާޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.

ކޮންމެތާކު ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް އުރީދޫގެ ޚިދުމަތް ހޯދޭ މައި އުރީދޫ އެޕްގެ ދިވެހި ޝާވަން ލޯންޗްކުރުން އޮތީ މިއަދު ސެންޓްރަލް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެޕް ތައާރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާނެވެ.

އުރީދޫން ބުނީ މައި އުރީދޫގެ ދިވެހި އެޕް ތައްޔާރުކުރީ ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ކަމަށެވެ. އަދި އެ އެޕްލިކޭޝަނަކީ، ދިވެހި ބަހުން ޚިދުމަތް ދޭ ފުރަތަމަ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، އުރީދޫން ޓެކްނޮލޮޖީއާ ގުޅުވާލައިގެން ދިވެހި ބަސް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތަށް ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އުރީދޫން ދިވެހި އެޕެއް ނެރުމަކީ، ދިވެހި ބަސް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައި އުރީދޫ އެޕްގެ ދިވެހި ވާޝަން ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ނަޖީބު

އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ، މައި އުރީދޫ އެޕް ދިވެހި ބަހުން ނެރެން ނިންމީ، ކޮންމެ ބައެއް ވެސް އެ ބައެއްގެ މާދަރީ ބަހާއި ޚާއްސަ ގުޅުމެއް އޮންނަ އިރު، ދިވެހިންނަށް އަމިއްލަ ބަހުން މުއާމަލާތު ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"އާންމު ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކުގެ ދައުރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާއިރު، ފަސޭހަކަމާއި އެކު އަމިއްލަ ބަހުން މި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށްވެސް މުހިއްމު ކަމެއް،" އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވި އެވެ.

މައި އުރީދޫ އެޕް ފަރުމާ ކުރެވިފައި ވަނީ، ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައި ވެސް އުރީދޫގެ ޚިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށެވެ.

އުރީދޫން ބުނީ، ދިވެހި ބަހުން މައި އުރީދޫ އެޕް ތައާރަފްކުރުމާއި އެކު، އެ އެޕްގެ ފަސޭހަ ޚިދުމަތްތައް އަމިއްލަ ބަހުން ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވުމުން ކަސްޓަމަރުންނާ މިހާރަށް ވުރެ ގާތުން ޚިދުމަތް ދެވޭނެ ކަމަށެވެ.

މައި އުރީދޫ އެޕްގެ ދިވެހި ވާޝަން މިހާރު ގޫގުލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް، އެޕަލް ސްޓޯރުން އެ އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.