09 Aug 2018, 09:50
ދިރާގާއި ޔޫއެންޑީޕީން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ)އާ ގުޅިގެން "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުންނަށް ހިންގި ތަމްރީނު ޕްރޮގްރާމުގައި ތައްޔާރުކުރި ކުރު ފިލްމުތައް ގައުމީ ޔުނިވާސިޓީގައި ރޭ ސްކްރީންކޮށްފިއެވެ.
އެމްއެންޔޫއެސްޔޫއިން ބުނީ ގައުމީ ޔުނިވާސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ރޭ "ފިލމް ފޯ ޗޭންޖް"ގެ ދަށުން އުފެއްދި ތިން ފިލްމެއް ސްކްރީންކުރި ކަމަށެވެ.
އެ ފިލްމުތައް ސްކްރީން ކުރީ އާންމުންނަށް ހިލޭ ވަދެވޭގޮތަށް ހުޅުވާލައިގެން ކަމަށް ވެސް އެމްއެންޔޫއެސްޔޫއިން ބުންޏެވެ.
ދިރާގާއި ޔޫއެންޑީޕީން ބުނީ، މި އަހަރުގެ ކުރު ފިލްމްތަކަކީ ވެސް ކުރީ އަހަރެކޭ އެއްގޮތަށް، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މައިގަނޑު އަސާސްގެ މައްޗަށް ބިނާކޮށް އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާފައިވާ ފިލްމްތަކެއް ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ދިރާގާއި ޔޫއެންޑީޕީން ގުޅިގެން ކުރިއަށް ގެންދާ "ފިލްމް ފޯ ޗޭންޖް"ގައި މި އަހަރު 21 ޒުވާނަކު ބައިވެރިވި އެވެ. ފިލްމު އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ހެދި ފިލްމުތަކުގެ އިތުރު ސްކްރީނިންތައް ވެސް އަޅުވާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ފިލްމުތައް އަދި ސޯޝަލް މީޑިއާގައި ވެސް އާންމު ކުރާނެ ކަމަށެވެ. އަދި މި އަހަރު އުފެއްދި ފިލްމުތައް ބައިނަލްއަގުވާމީ ކުރު ފިލްމް ފެސްޓިވަލުގައި ބައިވެރިކުރާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، މިދިޔަ އަހަރުގެ "ފިލްމް ފޯ ޗޭންޖް"ގައި އުފެއްދި ކުރު ފިލްމް "އިލޮށި" ވަނީ ދާދިފަހުން ސޮނީ ފިލްމް ފެސްޓިވަލްގެ "ޕިކްޗާ ދިސް"ގައި ޝޯޓް ލިސްޓް ކޮށްފައި ކަމަށެވެ.