18 Sep 2011, 17:14
ސޯޅަ އަހަރުން ދަށުގެ އޭއެފްސީ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގައި ކުވޭތު ވެސް ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދައިފި އެވެ. ގްރޫޕް ބީގައި ކުޅުނު މި މެޗުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބަލިވެފައިވަނީ 5-0 ލަނޑުންނެވެ.
ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ޕާކިސްތާނު އަތުން 4-0 ލަނޑުން ބަލިވިއިރު، ޔަމަން އަތުން ބަލިވީ 5-0 ލަނޑުންނެވެ. ތިން ވަނަ މެޗުގައި ރާއްޖެ ކޮޅަށް ފަސް ލަނޑު ކުވޭތު ޖެހުމާ ގުޅިގެން ރާއްޖެ ކޮޅަށް 14 ލަނޑު ވަނީ ވަދެފައެވެ. ރާއްޖެއަށް ކޮލިފައިން މެޗުގައި އެއްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ރާއްޖެ އަތުން ކުވޭތު ފަސޭހަކަމާއެކު މޮޅުވި މެޗުގެ 37 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ހާލިދެވެ. މެޗުގެ 49 ވަނަ މިނެޓުގައި އަބްދުލް އަޒީޒު އަޝްކަނަނީ ކުވޭތުގެ ދެވަނަ ލަނޑު ކާމިޔާބު އިރު ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މުހައްމަދު ޚާލިދެވެ. މެޗުގެ 88 ވަނަ މިނެޓުގައި ވަނަ މިނެޓުގައި މިޝާލް އަލް-އެނެޒީ ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށް ހަމަޖެހިލި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ލިބުނު އިތުރު ވަގުތު ކޮޅުތެރޭގައި ކުވޭތުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ސާލިމް އަލް-ހަޖޭރީ އެވެ.
މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކުވޭތު އޮތީ ގްރޫޕް ބީގެ އެއްވަނާގަ އެވެ. ދެވަނާގައި ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ކުރީގައި ޔޫއޭއީ އުޅޭއިރު، ތިންވަނާގައި އުޅެނީ އަފްޣާނިސްތާން އެވެ. ހަތަރު ވަނަ އަދި ފަސްވަނާގައި އުޅެނީ ޔަމަނާއި ޕާކިސްތާނެވެ. އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ އެންމެ ފުލުގައި އޮތޯ ދިވެހި ރާއްޖެއެވެ.