08 Aug 2018, 19:15
ޕީޕީއެމް ފިކުރާ ދެކޮޅު ފިކުރުގެ ކުދިން ބުރިޖުގައި ކައިވެނި ކުރީމަ ވަރަށް އުފާވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބުރިޖު އަޅާ ޒުވާނުންނަށް ބުރިޖުމަތީގައި ކައިވެނި ކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެންމެ އުފާވާނީ އިދިކޮޅު ފިކުރުގެ ކުދިން ބުރިޖު މަތީގައި ކައިވެނި ކުރުމުން ކަމަށާއި އޭރުން މި ސަރުކާރުން ބުރިޖު އެޅިކަން އިދިކޮޅު ފިކުރުގެ މީހުންނަށް ޔަގީން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަލަތު ކައިވެނި ކުރަން ބޭނުންވާ ކުދިން އަންނާށޭ މާލޭގެ ބުރިޖަށް. އެހެންވީމަ އެކަންވެސް އެހިނގަނީ. އޭގަ އަޅުގަނޑު އެންމެ އުފާވާނީ އަޅުގަނޑުގެ ފިކުރާ ދެކޮޅު ފިކުރުގެ ކުދިން އެތަނުގައި ކައިވެނި ކުރަންޏާ. އޭރުން އެމީހުން ގަބޫލުކުރާނެ މިއޮތީ ބުރިޖު އެޅިފަކަން" ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖެ ތަރައްގީ ކޮށްދޭނެ ކަމަށް ބުނެ ހަރަދު ހޯދާނެ ގޮތުގެ ތަފްސީލެއް ނުދޭތީ ރައީސް ޔާމީން ވަނީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ހިންގަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އެ ވިދާޅުވާ ކޮންމެ މަޝްރޫއަކަށް ފައިސާ ހޯދާނެ ގޮތް ވިދާޅުވެވެން ވާނެ ކަމަށެވެ.
އަދި ސަރުކާރުގެ ދަރަނި ބޮޑުވެގެން ދާނަމަ އެ ދަރަނި އަދާކުރަން އަޅާނީ ކޮން ފިޔަވަޅެއްތޯ ވިދާޅުވެވެން ވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ލީނު ނަގައިގެން ކަންކަން ކުރާ އެ ހާ ދެކޮޅު ބަޔަކު ދެން މަޝްރޫއުތައް ހިންގާނީ ދައުލަތުގެ ހަރުމުދާ ވިއްކައިގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ކުރަން ބުނާ ކަމެއް ކޮށްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުންގެ އޮންނަންވާނެ އެ ކޮށްދޭނެ ކަމަށް ބުނާ މީހަކާ މެދު." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެފައި ކޮށްދެއްވާނެ ކަމާ މެދު ރައްޔިތުން ސުވާލު ނުއުފައްދާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުރައް ކުރިއަށް ގެންދަނީ ލޯނު ނަގައިގެންތޯ ބަލާކަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށެވެ.