ސައުދީ އަރަބިއްޔާއާއި ކެނެޑާގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދި، ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި މައްސަލައިގައި، ސައުދީއަށް ފުރިހަމައަށް ތާއީދުކުރާކަމަށް ރާއްޖެއިން ބުނެފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސައުދީއާ ކެނެޑާގެ ގުޅުންތައް ގޯސްވެފައިވާތީވެ އެކަމާ ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

"އެެއްވެސް ގައުމަކުން އެހެން ގައުމަކަށް އިހްތިރާމް ކުޑަކޮށް. އެގައުމެއްގެ އިސްތިގުލާލަށް އަރައިގަނެ އެގައުމެއްގެ ދާހިލީ ކަންތައްތަކާ ބެހުމަކީ ބައިނަލްއަގުވާމީ މުވާހަދާތަކާ އުސޫލުތަކާ ހިލާފުކަމެއް،" ރާއްޖެއިން ނެރުނު ބަޔާނުގައި ވެއެވެ.

ސައުދީން އެގައުމުގެ އިސްތިގުލާލު ނެގެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއިދުކުރާކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ދޭދޭގައުމުތަކުން އދ. އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބަލައި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ސައުދީން ކެނެޑާއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތަކެއް ކަނޑާލިއިރު، އެގައުމާ ހުރިހާ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އަދި އެގައުމުގެ ހުންނަ ކެނެޑާގެ ސަފީރުވެސް ވަނީ ބޭރުކޮށްލައިފައެވެ.

ކެނެޑާއާ ދެކޮޅަށް ސައުދީން މިހާ ހަރުކަށި ފިޔަވަޅުތަކެއް އެޅީ، ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންތަކެއް ދޫކޮށްލުމަށް ކެނެޑާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ގޮވާލުމުންނެވެ. ކެނެޑާއިން ވަނީ އެ މީހުން ދޫކޮށްލުމަށާއި، އިންސާނީ ހައްގުތަކަށް އަރައިނުގަތުމަށް ސައުދީއަށް ގޮވާލާފައެވެ.

ސައުދީން ބުނަނީ ކެނެޑާއިން އެ މައްސަލައިގައި ވާހަކަދެއްކީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތަށް ވެސް އެ ގައުމުން ނުބަލާކަމަށް ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ކެނެޑާއިން އެވާހަކަ ވަނީ ދޮގުކޮށްފައެވެ.