ކުއަލަލަމްޕޫރު (އޮގަސްޓު 8): މިދިޔަ އަހަރު ސައުދީ އަރަބިއާގެ އެހީއާ އެކު މެލޭޝިއާގައި ހުޅުވި އެންޓި ޓެރަރިޒަމް ސެންޓަރު އެގައުމުން ބަންދުކޮށްފި އެވެ.

ކިންގް ސަލްމާން ސެންޓާ ފޯ އިންޓަނޭޝަނަލް ޕީސް (ކޭއެސްސީއައިޕީ)ގެ މަސައްކަތްތައް ހުއްޓާލަން ނިންމިކަން އިއުލާން ކުރެއްވީ މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ސާބޫ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސެންޓަރުގެ ޒިންމާތަކާ ދެން ހަވާލުވާނީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޑިފެންސް އެންޑް ސެކިއުރިޓީންނެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިދިޔަ އަހަރުގެ މާޗް މަހު ހުޅުވާ ދެއްވި އެސެންޓަރު ބަންދު ކުރަން ނިންމި ސަބަބެއް ސާބޫ ވިދާޅުނުވެ އެވެ.

މެލޭޝިއާގެ ކުރީގެ ޑިފެންސް މިނިސްޓަރު ހިޝާމުއްދީން ހުސެއިން ވިދާޅުވި ގޮތުގައި އެސެންޓަރަކީ އެގައުމުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރުކަށި ވިސްނުން ފެތުރުވުން ހުއްޓުވުމަށް މުހިއްމު ސެންޓަރެކެވެ.

މެލޭޝިއާގެ ބައެއް ފަރާތްތަކުން ވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ސައުދީ އަރަބިއާއިން އެގައުމުގައި ނުފޫޒު ވަރުގަދަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)