08 Aug 2018, 16:12
ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން އެ ރަށާ ކައިރީގައި އޮންނަ ފަސް ރަށެއް އެއްކޮށްލާތީ އިކޯ ކެއާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފަށަން ތައްޔާރުވެފައިވާ އިރު ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު އެ ރަށުގެ އިރުމަތިން ކައިރިކައިރީގައި އޮންނަ ކަނޑައްދުވާ، ހަންޑައިދުވާ، ދޫނިރެހާ، ކާޅެހުއްޓާ، އަދި މާރެހާ އެއްކޮށްލާނެ އެވެ.
އިކޯކެއާ އިން ބުނީ އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓަށް ބަލާ އިރު އެއާޕޯޓު މަޝްރޫއަށް ބިން ހިއްކުމުން ފަރެސްމާތޮޑާ އަށް ގިރުމުގެ މައްސަލަ ކުރިމަތިވާނެކަން އީއައިއޭ ރިޕޯޓުން ފެންނަން އެބައޮތް ކަމަށާއި މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް ގެއްލުން ލިބޭނެ ކަން އީއައިއޭ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް 14،000 އާއި 16،000 އާ ދެމެދުގެ ގަސް ކަނޑަން ޖެހޭނެ ކަމަށާއި މިއީ ވެސް އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ކުރިމަތިވާނެ ކަމަށާޢި ކަނޑުގެ ދިރުމަށް ވެސް އޭގެ ސަބަބުން އަސަރު ކުރާނެ ކަމަށް އިކޯ ކެއާ އިން ބުނެ އެވެ.
އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެހެން ފުރިހަމަކުރަންޖެހޭ ޕްރޮޖެކްޓުގެ މުހިއްމު ކަންތަކުގެ ތަފްސީލީ މައުލޫމާތު ފުރިހަމަ ނުކޮށްކަން އީއައިއޭގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް 17.2 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި، ފަސްގަނޑު އެއްވަރުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2.5 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ވެސްވެ އެވެ.
އެ މަޝްރޫއަށް ފަރެސްމާތޮޑާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ކައުންސިލުން ބުނީ މިއީ އެރަށުގެ ރައްޔިތުން އެދިއެދި ތިބިކަމެއް ކަމަށެވެ.
"އީއައިއޭ ރިޕޯޓު ވެސް ހަދައިގެން ކުރިއަށް މިދަނީ. ބިން ހިއްކައިގެން މިކަހަލަ މަޝްރޫއުތައް ކުރިއަށްގެންދާއިރު ކޮންމެ ތަނެއްގައި ވެސް ހުންނާނެ ލިބޭނެ ގެއްލުންތަކެއް. އަޅުގަނޑުމެން މިތިބީ މި މަޝްރޫއާއެކު ކުރިއަށްދާން." ކައުންސިލުގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވި އެވެ.
އެ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (ޗަމްޕާ އުއްޗު) ވަނީ ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރަށް ދެއްވައިފަ އެވެ. އެއްވެސް އިންޓްރެސްޓަކާ ނުލައި ދިން އެ ލޯނު ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދައްކައި ނިންމާ ގޮތަށް ދީފައިވާ އިރު ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތަށް ސަރުކާރު ބަޖެޓުން ވެސް ހަރަދު ކުރުމަށް ސަރުކާރުން ބުނެ އެވެ.