އެމްޑީޕީ ސަރުކާރުގައި ހުރިހާ ކަމެއް ވެސް ކޮށްދިނީ އެޕާޓީގެ ފިކުރުގެ މީހުންނަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުށީގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޑީޕީ ސަރުކާރުކާރުގައި ކަންތައްތައް ކޮށްދެމުން ދިޔައީ އެ ޕާޓީގެ ފިކުރުގެ މީހުންނަށް ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ޒުވާނުންގެ ކުރިއެރުމަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.

"ރާއްޖެ އަށް ރައީސް ޔާމީން ގެންނަވަމުން އަންނަ ތަރައްގީއަށް އެމްޑީޕީ އިން އަންނަނީ ފާޑު ކިޔަމުން. ނަމަވެސް މިއަދު އެ ޕާޓީ އިން ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރުތަކުގައި ދައްކަވަމުން ގެންދަނީ ހަމަ ރައީސް ޔާމީން ގެންނަވާނެ ކަމަށް ބުނުއްވި ތަރައްގީގެ ވާހަކަ،" ތޯރިގު ވިދާޅުވި އެވެ.

ކެންޕެއިން ދަތުރުތަކުގައި އެމްޑީޕީ އިން ރަށްރަށަށް ގޮސް ތަރައްގީގެ ވައުދުތައްވާ އިރު އެ ވައުދުތަކަކީ އެއްވެސް ޕްލޭންއެއް ނެތި ކުރާ ވައުދުތަކެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކޮންސެޕްޓް، ޖަޒީރާ ރާއްޖެ އަށް މިނިސްޓަރު ތޯރިގް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމަކީ އެންމެ އެދެވޭ ގޮތުގައި ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ ޓިމު ކަމަށާއި ރައީސް ޔާމީންގެ ތަރައްގީ ޕްލޭންއާ ހަމައަށް ވާސިލު ވުމަކީ އެމްޑީޕީ އަށް ވާނެ ކަމެއް ނޫން ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.