08 Aug 2018, 15:13
ކަނޑުއަޑިން ޚަޒާނާއެއް ހޯދި ކަމަށް ބުނާ ސައުތުކޮރެއާގެ ބޯޓް ނިސްބަތްވާ ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފި އެވެ.
ސައުތު ކޮރެއާގެ ޝިނިލް ގްރޫޕުން މިދިޔަ މަހު ބުނެފައި ވަނީ 1905 ވަނަ އަހަރު ފައްތާލި ރަޝިއާގެ ދިމިތްރީގައި ހުރި ކަމަށްބުނާ އެއް ބިލިއަން ރުފިޔާ އަަށްވުރެ އަގުހުރި ރަން ހޯދާފައިވާ ކަމަށެވެ.
އެ ބޯޓު ހޯދާފައި ވަނީ ސައުތު ކޮރެއާގެ ޔުލެއުންގްޑޯ ކައިރިން ކަމަށް ވެސް ޝިނިލް ގްރޫޕުން ބުނެފައިވެ އެވެ. މި ވާހަކައާ އެކު އެކުންފުނީގެ އިސްވެރިން ގައުމު ދޫކޮށް ފުރުން މަނާކުރި އެވެ.

ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަޒާނާ ފެނުނު ކަމަށް ބުނެ ޝިނިލް ގްރޫޕުން ހެދީ ދޮގެވެ. އެގޮތަށް ވާހަކަ ދެއްކީ އެކުންފުނީގެ ހިއްސާގެ އަގު މަތިކުރުމަށް ކަމަށް ވެ އެވެ.
ބޯޓުގައި ހަޒާނާހުރިކަން އެނގުމާ އެކު ގިނަ ބަޔަކު ވަނީ ބޯޓު ހޯދަން މަސައްކަތްކޮށްފަ އެވެ. އަދި ބޯޓު ފެނިއްޖެ ކަމަށް ވެސް އެކިފަހަރު މަތިން ވަނީ ބުނެފަ އެވެ. ޝިނިލް ގްރޫޕުން ވަނީ މި ބޯޓުގެ ފޮޓޯތަކެއް ވެސް އާންމު ކޮށްފަ އެވެ.
މި ބޯޓުގެ ތާރީޚަށް ބަލާ އިރު މި ބޯޓު ފައްތާލާފައި ވަނީ ޝުޝިމާ ހަނގުރާމަ އިން ޖަޕާން ކާމިޔާބު ހޯދުމާ ގުޅިގެން ދިމިތްރީ ޑޮންސްކޮއިގެ ފަޅުވެރިންނެވެ. ޕެސިފިކަށް ދަތުރުކުރަނިކޮށް މި ބޯޓު ފައްތާލީ ކަމަށާއި އޭރު އެބޯޓުގައި ހުރީ ޕެސިފިކުގައި ތިބި ރަޝިއާގެ ފްލީޓުގެ މީހުންގެ މުސާރަ ކަމަށްވެ އެވެ. އެގޮތުން އޭގައި ހުރި ރަނުގެ އަގު 116 ބިލިއަނަށް އަރާނެ ކަމަށް ބުނެފައިވީ ނަމަވެސް އޭގެ އަގު ވަނީ 1.2 ބިލިއަނަށް ދަށްކޮށްފަ އެވެ.