08 Aug 2018, 15:19
ރިޔާޒު (އޮގަސްޓު 8): ކެނެޑާގެ ހޮސްޕިޓްލަތަކުން ފަރުވާ ހޯދަމުންދާ ސައުދީ އަރަބިއާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސައުދީ ގައުމީ ނޫހުން ބުނެފި އެވެ.
ސައުދީ ޕްރެސް އޭޖެންސީން އެފަދައިން ރިޕޯޓުކޮށްފައި ވަނީ، އެގައުމުގައި ހުންނަވާ ކެނެޑާގެ ސަފީރު އަނބުރާ ގައުމަށް ފޮނުވާލައި، ކެނެޑާއާ ވިޔަފާރި ކުރުން ހުއްޓާލަން ނިންމިކަން ސައުދީ ފޮރިން މިނިސްޓްރީން އިއުލާންކުރި ފަހުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ސައުދީ އަރަބިއާއާ ކެނެޑާއާ ދެމެދު މައްސަލަ ހޫނުވީ، ސައުދީން ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ދޫކޮށްލުމަށް ކެނެޑާއިން ގޮވާލުމާ ގުޅިގެންނެވެ. ސައުދީން ވަނީ އެއީ ކެނެޑާއިން އެގައުމުގެ ދާހިލީ ކަންތައްތަކަށް ބާރު ފޯރުވަން މަސައްކަތް ކުރުން ކަމަށް ބުނެފަ އެވެ.
އަދި އެގައުމުން ވަނީ ސައުދީ އަރަބިއަން އެއާލައިނުން ކެނެޑާއަށް ކުރާ ދަތުރުތައް ހުއްޓާލައި، ސައުދީ ސްކޮލާޝިޕްތަކުގެ ދަށުން ކެނެޑާގައި ކިޔަވަމުންދާ ދަރިވަރުން އެހެން ގައުމުތަކަށް ބަދަލު ކުރަން ނިންމައިފަ އެވެ.
މިދިޔަ ހަފްތާގައި ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފާއިތުވި ތިން މަސް ތެރޭ ސައުދީން ވަނީ 15 އެކްޓިވިސްޓުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އަށް މީހަކު ދޫކޮށްލި ނަމަވެސް ބައެއް މީހުންނަށްވީ ގޮތެއް ނޭނގޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންގެ ތެރޭގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްވާ އިންޓަނޭޝަނަލް ވިމެން އޮފް ކަރެޖް އެވޯޑް 2012 ވަނަ އަހަރު ހާސިލުކޮށްފައިވާ ސަމަރު ބަދަވީ ހިމެނެ އެވެ.
ކެނެޑާއިން ވަނީ ސައުދީން އެގައުމުގެ ޑިޕްލޮމެޓުން ބޭރުކޮށްލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެގައުމުން އަބަދުވެސް، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ތާއިދުކުރާނެ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)