08 Aug 2018, 14:55
މަޝްހޫރު ލޯބީގެ ވާހަކަ ލައިލާ މަޖްނޫގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ނެރުމަށް ހަމަޖެހިފައިވާ އެ ފިލްމު ކުރިން ނެރެން ނިންމީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ފިލްމު ވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ.
ޑައިރެކްޓަރު އިމްތިޔާޒް ބުނީ ކުރީގެ ދެ ފިލްމާ ޚިލާފަށް މިފަހަރުގެ ލައިލާ މަޖުނޫ ވަރަށް ބޮޑުތަން ވެސް ތަފާތު ވާނެ ކަމަށެވެ.
ފިލްމުގެ ޓްރެއިލާ އިން ލޯބީގެ ގިނަ މަންޒަރުތަކެއް ފެނުނު އިރު ތަޅާފޮޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ.
އަވިނޭޝް ތިވާރީ އާއި ތުރިޕްތީ ދިމްރީ ފިލްމުގެ ލީޑުން ފެނިގެންދާ އެ ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކަ އަކަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމަކީ މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ލައިލާ މަޖުނޫގެ ފުރަތަމަ ފިލްމެއް ނުކުތީ 1953ގަ އެވެ. އެ ފިލްމުގެ ލީޑުން ޝައްމީ ކަޕޫރާއި ނޫޓާން ފެނިގެން ގޮސްފައިވެ އެވެ. "ލައިލާ މަޖުނޫން"ގެ ދެވަނަ ފިލްމެއް ނުކުތީ 1976ގަ އެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިޔައީ ރިޝީ ކަޕޫރާއި ރަންޖީތާ ކޯރް އެވެ.