ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އިތުރު މީހަކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ.

އިލެކްޝަނަށް މިއަދު ފޯމު ހުށަހެޅީ ހުސައިން ނަސީރު، މާލެ، ދަފްތަރު 6562 އެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނަސީރު ހުށަހެޅުއްވި ފޯމު އެ ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އޭނާ އަކީ ސްރީލަންކާގައި ދިރިއުޅުއްވާ މީހެކެވެ.

މިހާތަނަށް އެއްވެސް ކަހަލަ ކެމްޕޭނެއް ނަސީރު ކޮށްފައިވާ ތަނެއް ނުފެނެ އެވެ.

އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ 1500 މީހުންގެ ސޮޔާ އެކު އެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވީ ނަސީރުގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވާދަ ކުރަން ފޯމު ހުށަހަޅަން ބޭނުންވާ އަދަދަށް މީހުންގެ ސޮއި ހަމަ ކޮށްފަ އެވެ. އުމަރު ވިދާޅުވީ މިހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.