08 Aug 2018, 12:56
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާއިރު، އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ވެސް ނުކުރައްވާނެ ކަމަށެވެ.
"އަދި މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބައެއްގެ ނުފޫޒު ފޯރުވާ ގޮތަކަށް މި ސަރަހައްދު ތަރައްގީކޮށްގެނެއް މި ޗެނަލްގެ ބޭނުުމެއް އަޅުގަނޑުމެންނެއް ނުކުރާނެ. އެކަމުގެ ޔަގީންކަން މިރޭ ތިޔަ ބޭފުޅުންނަށް އަރުވަން،" އިބޫ ވިދާޅުވި އެވެ.
ގަމުގެ ރައްޔިތުންނަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވެހިކަމުގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި ގިން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ގޯތީގައި އިމާރަތްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ހާއްސަ ލޯން ސްކީމެއް ތައާރަފްކުރައްވާނަން. އަދި އެ ސްކީމަކީީ އިންޓްރެސްޓް ރޭޓް ކުޑަ ސްކީމަކަށް ހައްދަވާނަން،" އިބޫ ވިދާޅުވި އެވެ.
އޭގެ އިތުރުން އިބޫ ވަނީ ލ. އަތޮޅުން ގެސްޓް ހައުސް ތަރައްގީކުރުމަށް ބިން ދޫކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފަ އެވެ.