08 Aug 2018, 13:09
ތަރައްގީ އަކީ ކޮންކްރީޓް ނޫންކަމަށް ބުނާ މީހުން ދަނީ އެމަނިކުފާނުގެ ފަލްސަފާ ކޮޕީ ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރާ ދިމާއަށް އިދިކޮޅުން އަދި މީޑިއާ އިން ވެސް އެންމެ ބާރަށް ބުނީ "ތަރައްގީ އަކީ ކޮންކްރީޓް ނޫން ކަމަށް" ކަމަށެވެ.
"ތަރައްގީ ކޮންކްރީޓުގެ ސިފާގައި ފެންނަމުންދާތީ، އިމާރާތްތައް އުފުލެމުންދާތީ އިމާރާތްތަކުން ތަރައްގީ ފެންނަމުން ދާތީ، ރައްޔިތުން ތަރައްގީގެ ވާހަކަ ދައްކާތީ މިކަމަށް ވެސް އަންނަންވީ އޮލަޓަނޭޓިވް ނެރެޓިވް އެއް،" އިދިކޮޅުން ގެންގުޅޭ ޖަޒީރާ ރައީސް ކޮންސެޕްޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެމީހުންނަށް ވެސް ކޮންކްރީޓް ނޫން ގޮތަކަށް ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިދިކޮޅުން ވެސް މިހާރު ދައްކަނީ އެއާޕޯޓުތައް އަޅާ ވާހަކަ ކަމަށާއި މަގުތައް ހަދާ ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެބޭފުޅުންގެ ފަލްސަފާއަށްް ބަދަލެއް އައިސްގެން އާމްދަނީ ހޯދާނެ ގޮތުގެ ވާހަކައެއް އެބޭފުޅުން ނުދައްކަވާ. ހައްތަހާ ވެސް މި ވިދާޅުވަނީ މި ސަރަހައްދުގައި އެއާޕޯޓެއް އަޅައިފި ނަމަ އެއާޕޯޓެއް އަޅާނަމޭ،" އެއިން ވެސް އެނގެނީ އިދިކޮޅުގެ ޖަޒީރާ ކޮންސެޕްޓަށް މައްސުނިކަން އައިސްފައިވާކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުމެއް ނުވޭ އެމީހުން ޖަޒީރާ ކަން މަތީ ތިބޭ އިރު އެތަނުން ލިބޭ އެއްޗަކުން ފުދިގެން އުޅޭކަށް. ރައްޔިތުން މިއަދު ބޭނުން ވަނީ އަވަސްކަމާ އެކު ތަރައްގީ،" ރައީސް ވިދާޅުވީ ތަރައްގީ އަވަސްވުމަކީ ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ.
ރައްޔިތުންގެ އުއްމީދު އޮތީ ތަރައްގީ އަށް ކަމަށް ފާޅުކަން ބޮޑުގޮތެއްގައި ބުނަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމު ކުރިއަށް ދާނީ ތަރައްގީކޮށްގެން ކަމަށާއި ރައްޔިތުން ބޭނުން ވަނީ އެގޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ތަރައްގީ އަކީ ކުރަމުން އަންނަ ކަމެއް އެއަށް ވުރެ މޮޅަށް، އެއަށް ވުރެ ރަނގަޅަށް ކުރިއަށްދާނެ ގޮތަކަށް ކުރުން،"
ރައީސް ޔާމީން ވިދާޅުވީ އެގައުމެއް އޮތް ހިސާބުން ކުރިއަށް ޖެހިލަން ކޮންމެ ގައުމަކުން ވެސް ބޭނުންވާނެ ކަމަށެވެ. ތަރައްގީ އަކީ ވިސްނުމަށް އަންނަ ތަރައްގީ އާއި ކުރިއަށް ދިއުމަށް އުއްމީދުކުރާ ތަރައްގީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޒުވާނުން މިއަދު ބޭނުން ވާނީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން. ޒުވާނުން ހިމެނޭ ރައްޔިތަކު ބޭނުން ވާނީ އެ ތަނެއްގެ ހާލަތު ރަނގަޅު ކުރަން. އަޅުގަނޑުމެންނަށް ބޭނުންވާ ކޮންމެ ހިދުމަތަކަށް ފައިސާ ބޭނުންވޭ،" ރައީސް ވިދާޅުވީ ކުރީގައި ދަނޑުވެރިކަމުން އެކަނި ފުއްދާލައިގެން އުޅޭ އާބާދީތަކުން މިހާރު ބޭނުން ވަނީ ހާލަތު ބަދަލުކުރަން ކަމަށެވެ.
އިދިކޮޅަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ މީހަކު ކަމެއް ކުރުމުން އޭގެ ފަހަތުން ކަމެއް ކުރާ މީހެއް ނޫން ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަށް މެނިފެސްޓޯ ތައްޔާރުކުރަން މަސައްކަތް ކުރަމުންދާތާ މިހާރު އަހަރެއް ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރު ރައްޔިތުންނަށް އެކި ދާއިރާތަކަށް ގެނެސްދީފައިވާ ތަރައްގީއަށް ބަލާއިރު ދެން އެ ތަރައްގީ އިތުރަށް ކުރިއަށް ގެންދެވޭނީ، މުޅި ރާއްޖެ އެކުގައި ކުރިއަށް ދެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާ ކަންކަމަކީ އިއްޔެ އަޅުގަނޑަށް ހުވަފެނުން ފެނިގެން އުޅޭ ކަންކަމެއް ނޫން. މި މަސައްކަތް ކުރާތާ އަހަރަށް ވުރެ ގިނަ ދުވަސްވީ،" ރައީސް ވިދާޅުވީ މެނިފެސްޓޯގައި އިސްކަންދޭ ދާއިރާތަކުގެ ފަންނީބޭފުޅުންނާ އެކު މަސައްކަތް ކުރައްވާތާ އަށެއްކަ މަސް ވެއްޖެ ކަމަށެވެ.
ތަފްސީލުތަކާ އެކު މަޝްރޫއުތަކުގެ ވާހަކަ ދައްކަވަނީ މެނިފެސްޓޯގެ މަސައްކަތް އެމަނިކުފާނުގެ އޮފީހުގައި ކުރައްވާތާ އަހަރެއްވީ ފަހުން ކަމަށާއި އެ މަޝްރޫއުތަކުގެ ތަފްސީލު އިވުމުން އިދިކޮޅުން ދަނީ "ފުންމައިގެން" ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަރަމުންދާ ދުނިޔޭގައި އެކަހެރި ގައުމެއްގެ ގޮތުގައު ރާއްޖެއަށް ނޯވެވޭނެ ކަމަށެވެ. އަގުބޮޑުކޮށް މަޝްރޫއުތައް ކުރިއަށް ގެންދަނީ އަވަހަށް އެކަންތައް ނިންމަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިންމީ ނުވަ އަހަރުން ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ހުޅުމާލެ ދޭއް ތަރައްގީ ކުރީ ނުވަ ހަފްތާ އިން ކަމަށެވެ.