08 Aug 2018, 12:32
ގއ. ކޮނޑޭގައި ގެސްޓުހައުސް ހިންގުމަށް ބޭނުންވާ މަގުތައް ކޮށައިދީ އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކޮނޑޭ އަށް ވަޑައިގެން އެ ރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮނޑޭއަކީ ބިން ބޮޑު ރަށެއްކަމަށާއި އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ރަށެއް ކަމަށެވެ.
ކޮނޑޭގައި ގެސްޓްހައުސް ހިންގުމަކީ ރައްޔިތުން އެދިއެދި ތިބިކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކައުންސިލުން ސަރުކާރިގައި އެދުމުން އެރަށުގައި ގެސްތުހައުސް ހިންގަން ބިން ވަކިކޮށްދެއްވާނެ ކަމަށެވެ.
"ގެސްޓުހައުސް ހެދުމަށް ބޭނުންވާ ބިން ވަކިކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ ގެސްޓުހައުސް ހެދުމަށް ފުރުސަތު ފަހިވެގެންދާނެ،" ރައީސް ވިދާޅުވީ ހުރިހާ ސިނާއަތަކީ އެކުގައި ކުރިއަށްދާނެ ސިނާއަތްތަކެއް ކަމަށެވެ.
ކޮނޑޭއަކީ ބިންގަނޑުގެ ފެންވަރު ރަނގަޅު ރަށަކަށް ވެފައި އެރަށަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއްކަމުން މިއީ ޓޫރިޒަމަށް ވެސް އޮތް ފުރުސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ ބޮޑު ދައްޗަކީ ޓޫރިޒަމް ފުޅާވެގެންދާއިރު ޓޫރިޒަމަށް ބޭނުންވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ބާވަތްތައް ލިބޭލެއް މަދުވުން. ވަރަށް ގިނަ ތަކެއްޗަކީ އިމްޕޯޓު ކުރާ ތަކެތި. އެކަމަކު މި ހިސާބުގައި ޓޫރިޒަމް ތަރައްގީވެގެންދާއިރު އަދި ހާއްސަކޮށް މިރަށުގައި ގެސްޓުހައުސް އެޅިގެންދާއިރު ގޮވާމުގެ ބާވަތްތަކުން ލިބޭ އެއްޗެއްސާއި މޭވާ އާއި ތަރުކާރީގެ ތާޒާކަމަކީ އިމްޕޯޓު ކުރާ އެއްޗެއްސަށް ވާދަ ކުރެވޭނެ އެއްޗެއްސެއް ނޫން،" އެރަށުގެ ދަނޑުވެރިންނަށް ރައީސް ވިދާޅުވީ ދަނޑުވެރިންނަށް ހާއްސަ ވަސީލަތްތައް ސަރުކާރުގައި އެބަހުރި ކަމަށާއި އެ ދާއިރާ ތަރައްގީ ކުރަން ލޯނު ދޫކުރަމުންދާ ކަމަށެވެ.
އަންނަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހުވަދޫ އަތޮޅުގައި ޓޫރިޒަމްގެ 10،000 އެނދު ތަރައްގީ ކުރައްވާނެކަން ރައީސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. ގއ.ގައި 4000 އެނދު ތަރައްގީ ކުރާނެ ކަމަށް އިއްޔެ އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މީގެ ތެރެއިން 800 އެނދު ތަރައްގީކުރާނީ ކޮނޑޭ ކައިރީ ކަމަށާއި 800 އެނދަށް އަށް ރިސޯޓު ތަރައްގީކުރާއިރު އޭގެ ސަބަބުން 1500 އާ ހަމައަށް ވަޒީފާ އުފެދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގެ ޖީޑީޕީ 20،000 ޑޮލަރަށް އިތުރުކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
"މިކަން ކުރާކަމަށްވަންޏާ މީގެ އެންމެ އިސްކޮށް މަސައްކަތް ކުރާނީ ޓޫރިޒަމް ސިނާއަތް." އެއާޕޯޓުތައް ތަރައްގީކުރަނީ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިވެހިންގެ އަތުގައި ނެތް ނަމަ ރަށްރަށުގައި އަޅާ އެއާޕޯޓުތައް ނޭޅެނެ ކަމަށާއި އެއް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އެއާޕޯޓު ތަރައްގީ ވެސް ނުކުރެވޭނެ ކަމަށެވެ.