ބުއެނޮސް އައިރިސް (އޮގަސްޓު 8): ކޮރަޕްޝަނުގެ މައްސަލައެއްގައި އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް އަމާދޫ ބޫދޫ ފަސް އަހަރާއި 10 މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ބޫދޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރީ ޝެލް ކުންފުންޏެއް މެދުވެރިކޮށް ފައިސާ ޕްރިންޓު ކުރާ ކުންފުންޏެއް ގަންނަން މަސައްކަތް ކުރި މައްސަލައިގަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި ސަރުކާރުގެ މުވައްޒަފެއްގެ މަގާމުގައި ހުންނަވައިގެން ކުރަން އެދެވިގެން ނުވާ ކަމެއް ކުރުމުގެ ދައުވާކޮށްފަ އެވެ.

އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓީނާ ފެނާންޑޭޒްގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ބޫދޫ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އާޖެންޓީނާގެ ވެރިކަމަށް މޮރީސިއޯ މެކްރީ ވަޑައިގެންނެވި ފަހުން ފެނާންޑޭޒްގެ ސަރުކާރުގެ ގިނަ އަދަދެއްގެ އޮފިޝަލުންގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައްކޮށްފަ އެވެ.

އޭގެ ސަބަބުން، 2007އިން 2015އަށް ވެރިކަން ކުރެއްވި ފެނާންޑޭޒް ވަނީ އެއީ ސިޔާސީ ބޭނުމަށް މެކްރީގެ ސަރުކާރުން ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)