18 Sep 2011, 16:52
އަހްމަދިއްޔާ ސްކޫލްގެ 20 އަށް ވުރެ ގިނަ އަންހެންކުދިން މިއަދު ހަވީރު ކްލާސް ރޫމްތެރޭ އަނބުރައިގަނެ، ހޭނެތުމުން އައިޖީއެމްއެޗް އަށް ގެންގޮސް، ފަރުވާ ދީފި އެވެ.
ހޮސްޕިޓަށް ގެންދިޔަ ކުދިންގެ އަދަދު ގާތްގަނޑަކަށް 24 އަށް އަރަ އެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް އެއް ނޫން ކަމަށް ސްކޫލާއި އަދި އައިޖީއެމްއެޗް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިރޭ ވިދާޅުވީ، މިއަދު ހަވީރު ގާތްގަނޑަކަށް 4:30 އެހާކަންހާއިރު އަނބުރައި ގަނެ، ހޮސްޕިޓަލަށް ގެންދިޔައީ ސްކޫލްގެ ގްރޭޑް 8ގެ ދެ ކްލާހެއްގެ އަންހެން ދަރިވަރުންތަކެއް ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ އެއްވެސް ކުއްޖަކު ސީރިއަސް ނޫން ކަމަށާއި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ، ހާލު ދެރަވެގެން ހޭނެތުނީ އެންމެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ގެންދިޔަ މަންޒަރު ފެނިފައި އެހެން ކުދިން "ޕެނިކް"ވީ ނުވަތަ ހާސްވީ ކަމަށެވެ.
"މީގައި ކުދިން ބޮޑަށް ޕެނިކްވީއޭ އަޅުގަނޑު ދަންނަވާނީ. އެއީ އެއް ކުއްޖަކު އަނބުރާ ގަނެގެން ހޮސްޕިޓަލަށް ގެންދަން މިތަނަށް ސައިރެން އަޅައިފަ އެމްބިއުލެންސް އައިމަ އެ އަޑުއިވުމާއި، އަނެއްކާ ސްކޫލްތެރެއަށް ބައެއް މީހުން ވަނުމާ އެކީގައި ކުދިން ޕެނިކުވެ، ގިނަ ކުދިންނަށް މައްސަލަ ދިމާވީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ކުދިން އަނބުރައިގަތީ ސްކޫލްގެ ލެބޯޓަރީން ކެމިކަލެއް ލީކުވުމުން ކަމަށް އަޑުފެތުރުނު ނަމަވެސް، އެއީ ދޮގެއް ކަމަށާއި އެކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްއެންޑީއެފްގެ ބޭފުޅުންނާއި ޕޮލިސްގެ ބޭފުޅުން މިކޮޅަށް ވަޑައިގެން ލެބޯޓަރީ ބައްލަވައިފަ، އަދި ފޮރެންސިކް ބޭފުޅުން ވެސް ސްކޫލްތެރެ ބައްލަވައިފަ ވިދާޅުވީ މިތާ ތެރޭ އެކަހަލަ އެއްވެސް މައްސަލައެއް ނެތޭ،" އަހްމަދިއްޔާގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
މިއަދު ދިމާވީ "ސީރިއަސް" ކަމެއް ނޫން ކަމަށާއި މިރެއާއި މާދަމާވެސް އަހްމަދިއްޔާގެ ކްލާސްތައް ގަވައިދުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ސްކޫލުން ބުނެ އެވެ.
---------------------------------------------------------
18:04 ސްކޫލްގައި ހިނގައިދިޔަ ކަންތަކާ ގުޅޭ ގޮތުން ޕްރެސް ބްރީފިން އެއް މިހާރު ކުރިއަށް އެބަދޭ. ހުރިހާ ކުދިންގެ ހާލު ރަނގަޅު. އެއް ކުއްޖަކު ހޭނެތިގެން ވެއްޓުނުތަން ފެނުމުން އެހެން ކުދިން އެމަންޒަރު ފެނިފައި "ޕެނިކް"ވީ ކަމަށް ސްކޫލުން ބުނޭ.
17:54 ސްކޫލްތެރެއަށް އެއްވެސް ވަރަކަށް ގޭހެއް ނުވަތަ ކެމިލަކެއް ލީކުވެފައިވޭތޯ ސަލާމަތީ ބާރުތަކުން ޗެކުކޮށްފައިވޭ. އެކަހަލަ އެއްވެސް ލީކުވުމެއް ނެތް.
17:49 އަހްމަދިއްޔާ ސްކޫލް ހުސްކުރަން ބޭނުންވާތީ އެ ސްކޫލްގައި މިހާރު ތިބި ދަރިވަރުން ބަލާ ބެލެނިވެރިން ވީހާވެސް އަވަހަށް ސްކޫލަށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި. އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި މާލެ މޭޔަރުވެސް ސްކޫލްގައި. ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އައިޖީއެމްއެޗްގައި.
17:25 ހޯމް މިނިސްޓަރު ހަސަން އަފީފް އަދި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހު ވެސް އައިޖީއެމްއެޗްގައި. އެކުދިންނާއެކު ޓީޗަރުންނާއި އަދި ބެލެނިވެރިންވެސް އެބަތިބި.
17:22 ހޮސްޕިޓަލަށް އިތުރު ކުއްޖަކު ގެންގޮސްފި. މިހާރު ގެންދިޔަ ކުދިންގެ އަދަދު 23 އަށް އަރާ ކަމަށް ހޮސްޕިޓަލުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނޭ.
17:18 ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ، ފުރަތަމަ އަނބުރާގަތީ އެއް ކުއްޖެއް ކަމަށް. އެމަންޒަރު ދުށް އެހެން ކުދިން އަނބުރައިގަތީ ކަމަށް ވެސް އޭނާ ވިދާޅުވި.
17:10 އައިޖީއެމްއެމްއެޗް އިން ބުނީ، އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސްއެއް ނޫން ކަމަށް. ބައެއް ކުދިން ހޮސްޕިޓަލަށް ގެނައީ ނޭވާ ހާސްވެގެން ކަމަށް އޮފިޝަލް ވިދާޅުވި.
17:04 ހޮސްޕިޓަލަށް ގެންދިޔަ ދަރިވަރުންނަށް އިމަޖެންސީ ރޫމްގައި އަންނަނީ ފަރުވާ ދެމުން ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވި.
16:56 ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އަހްމަދިއްޔާ ގްރޭޑް އަށެއްގެ ތިން ކްލާހެއްގެ އަންހެން ދަރިވަރުންތަކެއް. އެކުދިންނަށް ވީގޮތެއް އަދި ނޭގޭ.
16:53 އަހްމަދިއްޔާ ސްކޫލްގެ ގިނަ އަދަދެއްގެ ދަރިންވަރުންތަކެއް ހޭނެތިގެން އައިޖީއެމްއެޗް އަށް ގެންގޮސްފި. މައުލޫމާތު ލިބޭ ގޮތުގައި 15 ދަރިވަރުން މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި.