ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް އެމްޕްލޮޔާ ބްރޭޑިން އެވޯޑްގައި، އުރީދޫ މޯލްޑިވްސް އަށް މުހިންމު ތިން އެވޯޑެއް ލިބިއްޖެއެވެ.

ފުޅާ ދާއިރާއެއްގައި ޑިޖިޓަލް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏަށް ލިބުނީ، "ޑްރީމް ކޮމްޕެނީ ޓު ވޯކް ފޯ" އާއި "ބެސްޓް އެމްޕްލޯޔާ ބްރޭންޑް"ގެ އިތުރުން "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް" އެވޯޑެވެ.

އޭގެ އިތުރުން، 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އުރީދޫގެ ޑިރެކްޓާ އޮފް ހިއުމަންރިސޯސް މުހައްމަދު ޝާހިދަށް، "އެޗްއާރް ލީޑާޝިޕް އެވޯޑް" ލިބުމުން، އެކަމަށް ފަހުރުވެރިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫއިން އެންމެ އިސްކަންދޭ އެއް ކަންތައް. މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫގެ އެޗްއާރު ޓީމް، ސީއީއޯ ނަޖީބާއި (މ) އެކު.

އުރީދޫއިން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ، މިންނެތް މަސައްކަތް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން، އުރީދޫއިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އަހަރުގެ ވޯލްޑް އެޗްއާރް ކޮންގްރެސްގައި، އުރީދޫއަށް ވަނީ "ގްލޯބަލް އެޗްއާރް އެކްސެލެންސް އެވޯޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް"، "ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން"، އަދި "ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓް"ގެ އެވޯޑް ލިބިފައެވެ.