ގައުމިއްޔަތު ކަމާއި އިސްލާމް ދީން ހިމާޔަތް ކުރުމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ފިކުރުގައި ހިމެނޭ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގއ. ކޮނޑޭގައި ސަރުކާރުން ކުރިއައް ގެންދިޔަ މަޝްރޫއުތަކުގެ ކާމިޔާބު ފާހަގަ ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ފިކުރަކީ އިސްލާމްދީން ހިމާޔަތް ކުރުމާއި ތަރައްގީގެ ފިކުރު ކަމަށެވެ. ނަމަވެސް އިދިކޮޅު ފާރާތްތަކުގެ އެ ފަދަ ފިކުރެއްނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އިސްލާމް ދީން ހިމާޔަތް ކުރުމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ފިކުރުގައި ހިމެނޭކަމެއް ނޫން. ރައީސް ޔާމީންގެ ފިކުރަކީ އިސްލާމްދީން ހިމާޔަތް ކުރުމާއި ތަރައްގީގެ ފިކުރު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިދަނޑިވަޅަކީ ތަރައްގީއާއި ގައުމީ ފިކުރުގައި އެންމެން އަތުކުރި އޮޅާލަންވީ ވަގުތު ކަމަށާއި އެހެންނޫނިއްޔާ އަމިއްލަ ގައުމު އަތުން ބީވެގެން ހިގައިދާނެ ކަމަށެވެ.

އަމިއްލަ އަތުން އިސްލާމް ދީނާއި ގައުމު ބީވެގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަމިއްލަ އަތުން އަޅުގަނޑުމެންގެ ގައުމާއި ދީން ބީވެގެން ދިޔުމަށް ފުރުސަތު ދީގެން ނުވާނެ. މީ އަަޅުގަނޑުމެންގެ އަމިއްލަ ގައުމު. އަމިއްލަ ދީން،" މުއިއްޒު ވިދާޅުވި އެވެ.