08 Aug 2018, 09:15
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއިން ރާއްޖެއަށް އިތުރު 1000 ކޯޓާ ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އިއްޔެ ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގައި ސަޢުދީއާއި އޮތް ގުޅުން ވަރުގަދަވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު އެއްހާސް ކޯޓާ ހަމަޖެހިފައިވާކަމަށެވެ.
މި ކޯޓާތަކުގައި ދިވެހިންނަށް މިއަހަރު ހައްޖު ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ކޯޓާގައި ހައްޖަށް ދެވޭނީ ކިހިނެއް ކަމެށް ވިދާޅުވެފައެއް ނުވެއެވެ.
އިތުރު 1000 ހައްޖު ކޯޓާ އާގުޅޭގޮތުން އިސްލާމިކް އެފެއާޒްގެ ބަހެއް ހޯދަން ކުރި މަސައްކަތުން އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ މީހުން ހައްޖަށް ގެންދަން ހަތަރު ކުންފުންޏަކަށް ވަނީ ހުއްދަ ދީފައެވެ.
މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަތަރު ގްރޫޕެއް މެދުވެރިވެގެން 1000 ހައްޖާޖީއަކު މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 20 ވަނަ ދުވަހެވެ.