08 Aug 2018, 08:41
އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައިި ދިވެހި ގައުމު ވަނީ ފުނޑުފުނޑު ކޮށްލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "މެނިފެސްޓޯ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދިވެހި ގައުމު ފުނޑުފުނޑު ކޮށްލާފައިވާ ކަމަށާއި އެ ހުރިހާކަމަކުން އަރަގަނެވުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަސައްކަތްޕުޅުން ކަމަށެވެ.
ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ، އޭޝިއާގައި އޮތް އެންމެ ބޮޑު ކޮންނަބޯޓުވެސް އޮތީ ދިވެހިރާއްޖޭގައި ކަމަށެވެ.
"އޭޝިއާގައި އޮތް އެންމެ ބޮޑު ކޮންނަބޯޓް އޮތީ ދިވެހިންގެ އަތުގައި. ދިވެހި ބިންތައް ބޮޑުކުރަމުން ދަނީ ދިވެހިންގެ އަމިއްލަ ވަސީލަތް ތަކުން،" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ތިން ބާރު މުށުތެރެއަށް ލައްވައިގެން އުޅޭކަމަށް އިދިކޮޅު ފަަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ރައީސް ތިންބާރު މުށުތެރެއަށް ލައްވައިގެން އުޅުއްވާނަމަ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނުނެރޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޝަރުއީ ކޯޓަކުން ހުކުމެއް ކުރުމުން ޕީޕީއެމް އެކަމާއި ދެކޮޅަށް ނުނިކުންނާނެ ކަމަށެވެ.
" ޝަރުއީ ކޯޓުން އަމުރެއް ނެރުމުން އެކަމަށް ދެކޮޅު ހަދައި ޕީޕީއެމް އިން ވާހަކައެއް ނުދައްކާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން މި ގެނެސް ދެއްވި ތަރައްގީ އިތުރަށް ބޭނުންވާނަމަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.