ކުރީގެ ސަރުކާރުތަކުން ސިއްހީ ދާއިރާއަށް އަޅާނުލައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ގދ.ގައްދޫގައި ހަތަރު މަޝްރޫއުއެއް އިފްތިތާހު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރު ތަކުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ސިއްހީ ދާއިރާއަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދީފައިވާކަމަށެވެ.

"ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަމަކީ ރަނގަޅު ސިއްހީ ޚިދުމަތެއް. ނަމަވެސް ކުރީގެ ސަރުކާރުތަކުންވަނީ ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައި. އަޅުގަނޑުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ދޭ އަހަންމިއްޔަތުކަން އިތުރު ތަފްސީލް އަކަށް ނުދިޔަޔަސް މިއޮތީ ފެންނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ތަރައްގީއަށް ކުރީގެ ސަރުކާރުން ކޮށްދެއްވި ކޮންމެ ކަމަކަށް ހަ ކަންތައް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާފައިވާކަމަށެވެ.

"ކުރީގެ ސަރުކާރު ތަކުން ތަރައްގީއަށް ކޮށްދެއްވި ކޮންމެ ކަމަކަށް ހަ ކަންތައް އޮންނާނީ ކޮށްދީފައިި. މި ސަރުކާރުގައި ތަރައްގީގެ މަސައްކަތްތައް ނުކުރާ އެއްވެސް ރަށެއްނޯންނެ. ވަރަށް ކުޑަ އާބާދީ މަދު ރަށެއް އޮވެދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ރަށަކުން އެ ރަށަކަށް ލިބޭ އާމްދަނީން އެ ރަށެއްގެ ބޭނުންތައް ފުދިގެންނުދާނެ ކަމަށާއި މި ސަރުކާރުން މި އޮތީ ބޭނުންޖެހިފައިވާ ތަރައްގީ ގެނެސްދޭން ތައްޔާރަށް ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރާއްޖެ އިގްތިސާދީގޮތުން އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.