07 Aug 2018, 20:36
ގދ. ގައްދޫގައި ސަރުކާރުން ކުރިއަަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.
އެ ގޮތުން އެ ރަށުގެ ނަރުދަަމާގެ މަސައްކަތާއި 50 ހައުސިން ޔުނިޓްގެ މަސައްކަތާއި އެ ރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ބަނދަރުގެ މަސައްކަތުގެ ނިމުންވަނީ ފާހަގަ ކޮށްފައެވެ.
އެކަމަށްޓަކައި މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީން ވަނީ އެރަށުގެ ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވާފައެވެ.
އެ ރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް ޖުމްލަ 20,841,511.46 ރުފިޔާ ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްފައެވެ.
ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން، ގައްދޫގެ ގިރާ ސަރަހައްދަށް 15,200 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ ގިރާ ސަރަހައްދުގައި 673 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކުރެވިފައެވެ.
އެ ރަށުގެ ބަދަރުގެ މަސައްކަތައް ސަރުކާރުގެ ބަޖެޓުން 31 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރި އެ ބަނދަރުގައި 221 މީޓަރުގެ ބުރޭކްވޯޓާއެއް ހަދާފައިވާއިރު ބޭރުތޮށީގައި 25 މީޓަރު ބޯޑުހިލަޖަހާފައިވެއެވެ.
ދިވެހި ސަރުކާރާއި އޯޕެކް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން އެ ރަށުގެ ނަރުދަމާގެ މަސައްކަތަށް 41 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެ ރަށުގައި އަޅާފައިވާ 50 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިންނެވެ.