07 Aug 2018, 18:27
ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންފިނަމަ މަސްވެރިންނަށް ޚާޢްސަ ޑެބިޑް ކާޑެއް ތައާރަފްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ގދ. ފަރެސްމާތޮޑާ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ކާޑާއެކު މަސްވެރިނަނަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.
ބޭންްކް އޮފް މޯލްޑިވްސް އާ ގުޅިގެން މިކަމާ މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ މާނައަކީ ޑެބިޓްކާޑުގެ ބޭނުން ހިފޭނެޔޭ އެ ދޯނިފަހަރަށް އެސްޓީއޯ އިން ވިއްކާ ތެޔޮ ގަންނަން. ފައިސާ ނުދީ ތެޔޮ ގަނެވޭނެ. އަދި މިތާހުރި ވިޔަފާރިކުރާ ބޮޑެތި ފިހާރަތަކުން ކްރެޑިޓަށް މުދާ ނެގޭނެ. އެސްޓީއޯގެ ހުރިހާ ވިޔަފާރިއަކުން ކްރެޑިޓަށް މުދާ ނެގޭނެ،"
ރައީސް ވިދާޅުވީ މި ކާޑާއެކު ވަރަށް މަދު ކަމެއްގައި ނޫނީ މަސްވެރިންނަށް ފައިސާ ބޭނުން ނުވާނެ ކަމަށެވެ.
"ފައިސާ ބޭނުންވާ ކަންކަމުގައިވެސް ގޮތްތަކެއް ނިންމައިފީމު. ފިނޭންސް މިނިސްޓްރީ އާއި މިފްކޯ (އެސްޓީއޯ) ގުޅިގެން 100،000 މިލިއަން ރުފިޔާގެ ފަންޑެއް އުފައްދަން. އެއްބައި އެސްޓީއޯ އިން ލާނީ. އަނެއްބައި ސަރުކާރުން ލާނީ،"
ރައީސް ވިދާޅުވީ މި މަޝްރޫއާއެކު މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ.
މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސް ކިރުވާފައި ފައިސާ ލިބުން ލަސްވުން ކަމަށާއި ކުރިން ގެއްލުމުގައި އޮތް މަސް ކުންފުނި މިފްކޯ، އެސްޓީއޯ އާ ހަވާލުކުރީ އެސްޓީއޯ އަކީ ކެރިފޯރުންތެރި ކުންފުންޏަކަށް ވާތީއާއި މިފްކޯ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިފްކޯ އެސްޓީއޯގެ ދަށަށް ގެންދިޔަފަހުން މަސްވެރިންނަށް ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާ ދެއްކީ އެސްޓީއޯ އިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޒުވާނުން މަސްވެރިކަމަށް ނެރުނަށް އާ ދޯނިފަހަރު އިފްތިތާހު ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މި ދޯނި ފަހަރުވާނީ ސެލްފް ސަސްޓެއިންޑް ޔުނިޓްތަކެއްގެ ގޮތުގައި ހިނގާނެ އުޅަނދުފަހަރަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި އުޅަނދުތަކުން އަމިއްލަ އަށް އައިސްވެސް އުފައްދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސްވެރިންނަށް އިސްކަން ދޭނެ ކަމަށާއި މަސްވެރިންނަށް ޚާއްސަ "ފިޝަމަންސް ކާޑެއް" ތައާރަފު ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ މި ކާޑާއެކު އާންމު ޚިދުމަތްތައް ހޯދުމަށް ކިޔުގައި ޖެހެން މަސްވެރިންނަށް ނުޖެހޭނެ ކަމަށެވެ.