ރާއްޖޭގެ ވެރިކަމަކީ ވަކި ބަޔަކަށް ލާޖަހާފައި އޮންނަ އެއްޗަކަށް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ އުމުރާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުންގެ އުމުރު ދަށް ކުރީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"ޒުވާނުންނަށް ކަންތައް ކުރެވޭ އިރު ކަންތައް ބާރަށް ގެންދެވޭނެ. އެހެންވެ އަޅުގަނޑުމެން ވިސްނީ ބައެއްގެ ލާޖަހާފައި އޮންނަ ތަރިކައެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަން އޮވެގެން ނުވާނެއޭ. އެ ފުރުސަތު އޮންނަންވާނެއޭ ހުރިހާ އެންމެންނަށް ހުޅުވާލެވިފައި،" ރައީސް ވިދާޅުވި އެވެ.

"އެ ޖެއްސީ ވަކި މީހަކަށް ފައިދާއެއް ހޯދައިދޭކަށް ނޫން. އެ ބަދަލުގެނައީ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ޒުވާނުން ފަސްޓް ޑިގްރީ ހަދައިގެން. ދެވަނަ ޑިގްރީ ހަދައިގެން ނޫނީ ޕީއެޗްޑީ ހަދައިގެން އައިސް ސަރުކާރަށް ހިދުމަތް ކުރާއިރު ތަޖުރިބާ އެހުރީ ލިބިފައި،" މިފަދަ ތައުލީމާ ތަޖުރިބާ ލިބިފައިވާ މީހުންނަށް ރައީސްގެ މަގާމު ނުފުރެންވީ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު 65 އަހަރަށް ބަދަލުކުރި ކުރުމަކީ "ވަކި މީހަކަށް ފަހައިދިން ސޫޓެއް ނޫން" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު ރާއްޖެ ކޮއްޕަން ތިބީ ޒުވާނުން. މިއަދު ރާއްޖެ މި ހިނގަނީ ޒުވާނުންގެ ހަކަތަ އިން.،" ރައީސް ވިދާޅުވީ އިންޖީނު ބާވާ އުސޫލުން އިންސާނުވެސް "ބާވާނެ" ކަމަށެވެ. އޭރަށް ޖެހޭނީ އިންޖީނު ބަދަލުކޮށް ކާރު ބަދަލުކުރާހެން މީހުން ވެސް ބަދަލުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާ އިރު ވެރިކަމަށް ކުރިމަތިލެވޭ އުމުރު ވަނީ 35 އަހަރާއި 65 އަހަރާ ދެމެދަށް ލިމިޓު ކޮށް ގާނޫނު އަސާސީ އަށް ބަދަލުގެނެސްފަ އެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ވަނީ 30 އަހަރަށް ބަދަލުކޮށްފަ އެވެ.