އަންނަ ދައުރެއްގައި ހުވަދު އަތޮޅުގައި 10،000 ޓުއަރިސްޓު އެނދު އުފައްދަވާނެ ކަމަށާއި އެކަމަށް 15 ރަށް ފަތުރުވެރިކަމަށް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އެ 15 ރަށުގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގައި 3000 އެނދު އުފައްދަވާނެ ކަމަށެވެ.

އަންނަ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގދ. އަތޮޅަށް 6000 އެނދު އަދި ގއ. އަތޮޅަށް 4000 އެނދު އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ބޭރުން މި ދާއިރާގައި ގާތްގަނޑަކަށް 5000 އާ ގާތް ކުރާ މިންވަރަކަށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކުރިއަށް އޮތް ފަސް އަހަރު،" ރައީސް ވިދާޅުވީ ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ބޭނުމަކީ ވެސް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ހުވަދު އަތޮޅަކީ ޓޫރިޒަމްގެ ހަބަކަށްވާއިރު ސީޕްލޭން ހަބެއް އެ ސަރަހައްދުގައި ގާއިމް ކުރައްވާނެ ކަމަށެވެ.

"މާލެއިން މި ސަރަހައްދަށް [ކަނޑުމަގުން] އައުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ކާޑެއްދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެކަމަށް ވާނީ އިއުލާނު ކޮށްފައި، ހަމަ އެއާ އެކު ގއ. ވިލިނގިލީ ކައިރީ އެއާޕޯޓެއް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން އެ ސަރަހައްދުގައި އިންވެސްޓު ކޮށްފައިވާ ސިންގަޕޫރުގެ ޕާޓީ އަކުން ވަނީ ދީފައި،" ރައީސް ވިދާޅުވީ ހުވަދޫގައި ބައިނަލްއަގުވާމީ ދެ އެއާޕޯޓު ތަރައްގީކުރާއިރު އެ ސަރަހައްދުގެ އެހެން ރަށްރަށަށް ދަތުރު ކުރުމަށް ސީޕްލޭން ހަބެއް އުފައްދެން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ހުވަދޫ ފަދަ ބޮޑު އަތޮޅެއްގައި ދަތުރުކުރުމަކީ ދަތިކަމަކަށް ވާއިރު އަންނަ ދައުރުގެ ކުރީކޮޅު ދަތުރުފަތުރަށް ޚާޢްސަކޮށްގެން އިންޓަ އެޓޯލް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމް ކުރައްވާނެ ކަމަށެވެ. މި ނިޒާމާއެކު ބަލިމީހުން އުފުލުމާއި ފަސިންޖަރުން އުފުލުން ފަސޭހަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ މެދުތެރޭގައި އެރަށު އެއާޕޯޓަށް ފްލައިޓު ޖައްސާނެ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި ދަތުރުފަތުރުގެ ނިޒާމެއް ފެށި ނަމަވެސް އެ ނިޒާމު ވީތަނެއް ނޭނގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ނިޒާމު ތަރައްގީ ކުރުމަށް ބުނެ ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ރަށްރަށާއި މީހުން އުޅޭ ރަށްރަށުން ބިން ދީފައި އެބަހުރި ކަމަށާއި ނަމަވެސް އެ ތަންތަން ސަރުކާރަށް ލިބެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ނިޒާމުގެ ތެރެއިން ދަތުރުފަތުރު ކަށަވަރު ކުރި އެއްވެސް ދިމާއެއްގައި އެ ނިޒާމު ނުހިނގާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވައިގެ މަގުން ދަތުރުކުރެވުން އޮއްވައި ކަނޑުމަގުން ދަތުރު ކުރާނެ ނިޒާމެއް ނުގެންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 2500 މީހުން އުޅޭ ކޮންމެ ރަށެެއްގައި ބޭންކުގެ ބްރާންޗެއް އަދި 1500 މީހުންނަށް ވުރެ ގިނައިން މީހުން އުޅޭ ރަށްރަށުގައި އޭޓީއެމް ގާއިމް ކުރައްވާނެ ކަމަށާއި މި ކަންތައް ރިޔަސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށެވެ.

އިންވެސްޓަރުން ރާއްޖެ އަންނަނީ ރާއްޖެ އިން އެމީހުންނަށް އިތުރު އިނާޔަތްތައް ދޭތީ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ކިތަންމެ ވަރަކަށް އިނާޔަތްތައް ދިން ނަމަވެސް އިގްތިސާދީ ގޮތުން އިންވެސްޓުމެންޓު ކުރިއަށް ނުގެންދެވޭ ނަމަ އިންވެސްޓަރުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭރުގެ ބޮޑެތި މީހުން މިތަނަށް އަންނަންޏާ އެމީހުންނަށް ބިން ގަނެވޭގޮތަށް އައުން އެއީ އެންމެ ބޮޑު އިންސެންޓިވް،" ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރާނެ ކަމަށް އިދިކޮޅުން ދައްކާ ވާހަކައަށް ރައްދު ދެއްވާ ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 35 އަހަރަށް 1000 މިލިއަން ޑޮލަރު އިންވެސްޓު ކުރަން އިންވެސްޓަރުން ނާންނާނެ ކަމަށެވެ.