ނިޔުޔޯކް (ސެޕްޓެމްބަރ 18) : އެމެރިކާގެ ރަސްމީ އިދާރާތަކުގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކާ ދެކޮޅަށް އެޤައުމުގެ އެތައް ސަތޭކަ ބަޔަކު ނިޔުޔޯކްގެ ވޯލްސްޓްރީޓްގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.

މުޒާހަރާކުރި މީހުންބުނީ އެމެރިކާގެ އިޖްތިމާޢީ ބަޖެޓްގެ ޚަރަދުތައް ކުރުމުގައި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ކަމަށާއި އެމެރިކާގެ މާލީ ނިޒާމަކީ ބާރާއި ނުފޫޒުގަދަ މީހުންނާއި މުއްސަނދީންނަށް މޮޅުވާގޮތަށް ބައްޓަންކޮށްފައިވާ ނިޒާމެއް ކަމުގައެވެ.

އެމެރިކާގެ އާބާދީއަށް ބަލާއިރު ކޮރަޕްޝަނުގައި ހައްދުފަހަނަޅައި ގޮސްފައި ވަނީ ގާތްގަނޑަކަށް އެއް ޕަސެންޓް މީހުން ކަމަށް ވިޔަސް މިކަމުގެ ގެއްލުން ލިބޭ އެމެރިކާގެ 99 ޕަސެންޓް މީހުންގެ ބާރަށް ވުރެ މި އެއް ޕަސެންޓް މީހުންގެ ބާރު އެމެރިކާގައި މާގަދަކަމަށް މުޒާހަރާކުރި މީހުން ބުންޏެވެ.

މުޒާހަރާކުރި މީހުން ނިޔުޔޯކްގެ ސްޓޮކްމާރކެޓް ސަރަޙައްދާ ތަންކޮޅެއް ދުރުގައި އެއްވެ އަޑުއުފުލަން ފެށުމުން ނިޔުޔޯކްގެ ފުލުހުންވަނީ ވޯލްސްޓްރީޓަށާއި އެމަގުން ކަފިވެފައިވާ ކުދި މަގުތަކަށް ނުދެވޭގޮތަށް އެތަންތަން ބަންދުކޮށްފަ އެވެ.

އެމެރިކާގައި ހިނގަމުންދާ ކޮރަޕްޝަނުގެ ޢަމަލުތަކާ ދެކޮޅަށް ރައްޔިތުން އިންޤިލާބެއް ގެނަސް ނިޔުޔޯކްގެ ވޯލްސްޓްރީޓް، މިސްރުގެ ތަޙްރީރް މައިދާނަށް ބަދަލުކުރުމަށް ގޮވާލައި އެމެރިކާގެ 700 އެއްހާ މީހުން އަޑުއުފުލިކަމަށް މީޑީޔާ ރިޕޯޓްތައް ބުނެ އެވެ. މިސްރުގެ ތަޙްރީރް މައިދާނަކީ ޙުސްނީ މުބާރަކްގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިސްރު ރައްޔިތުން އުތުރިއެރި ތާރީޚީ މައިދާނެވެ. (އޭ.އެފް.ޕީ)