01 Jun 2010, 09:51
14:30
އަލްގައިދާ ޖަމާއަތުގެ އެންމެ އިސް އެއް ވެރިޔާ ކަމަށްވާ މުސްތަފާ އަބޫ އައްޔަޒީދު މަރާލައިފިކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާ ސަރުކާރުން ނެރުނު މީޑިއާ ރިޕޯޓެއްގައި ބުނާގޮތުން އެމެރިކާ ސިފައިން ޔަޒީދު މަރާލާފައިވަނީ ހަނގުރާމަވެރިންގެ މަރުކަޒެއްގެ ގޮތުގައި ބެލެވިފައިވާ ހުޅަނގުއުތުރު ޕާކިސްތާނުގެ ސަރަހައްދެއްގަ އެވެ. ނަމަވެސް އޭނާ މަރާލާފައިވަނީ ކޮން އިރަކު ކިހިނެއްކަމެއް އެރިޕޯޓުގައި ހާމަކޮށްފައެއްނުވެ އެވެ.
މިރިޕޯޓާ ގުޅިގެން އަލްގައިދާ ޖަމާއަތުން ނެރުނު ބަޔާނެއްގައި އެމެރިކާ ސިފައިން މުސްތަފާ އަބޫ އައްޔަޒީދު މަރާލާފައިވާކަން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އޭނާ އާއެކު އޭނާގެ އާއިލާގައި ހިމެނޭ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ.
މުސްތަފާ އަބޫ އައްޔަޒީދު ނުވަތަ އަލް މަސްރީ އަކީ އަލްގައިދާ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން އާއި އޭނާގެ ނައިބު އައިމަން އައްޒަވާހިރީ އަށް ފަހު އެޖަމާއަތުގެ އެންމެ އިސް ވެރިޔާ އެވެ. އަދި އޭނާ އަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހިންގާ ޓެރަރިސްޓް ހަރަކާތްތައް ރާވައި ހިންގުމުގައި މާލީ ގޮތުންނާއި އެހެނިހެން ވެސް ގޮތްގޮތުން އެންމެ އިސް ދައުރެއް އަދާކުރާ އެކަކު ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެ އެވެ. އެމެރިކާ އިން އޭނާގެ މަރު ސިފަކޮށްފައިވަނީ ސުލްހައަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.