ވަޒީފާއިން މުސްކުޅިކުރާ އުމުރު ނުވަތަ ރިޓަޔަމަންޓް އޭޖް 74 އަހަރަށް ނޫނީ 75 އަހަރަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސް ވިދާޅުވީ ރިޓަޔާ ކުރާ އުމުރަކީ 65 އަހަރު ކަމަށް ވާންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ސިއްހީ ހޭލުންތެރިކަމަށް އައިސްފައިވާ ކުރިއެރުމާ އަދި ފަރުވާ ދިނުމަށް އައިސްފައިވާ ކުރިއެރުންތަކާއެކު މިހާރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ގާނޫނަށް [ރިޓަޔަމެންޓް ގާނޫނަށް] ބަދަލު އަންނަން އެބަޖެހޭ،" ރައީސް ވިދާޅުވި 65 އަހަރުވުމުން މަސައްކަތްނުކޮށް ތިބެންޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނެ އެންމެ ފުރަތަމަ މަސައްކަތުގެ ތެރޭގައި މި އުމުރުފުރައިގެ ބޭފުޅުންގެ ރިޓަޔާ ކުރާ އުމުރަކީ 74 ނޫނީ 75 އަށް ޖެއްސޭތޯ އަޅުގަނޑުމެން ބަލާނަން،" ރައީސް ވިދާޅުވީ މިހާރު 65 އަހަރުވެގެން ރިޓަޔާކޮށްފައި ތިބި މީހުންނަށްވެސް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ވަޒީފާއިން މުސްކުޅި ކުރާ އުމުރަކީ 65 އަހަރެވެ. އަދި އަމިއްލައަށް ބޭނުންވެގެން 55 އަހަރު ވުމުންވެސް ވަޒީފާއިން ރިޓަޔާ ކުރެވެއެވެ.