07 Aug 2018, 16:25
ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް އެދި ޕީޕީއެމްއަށް ހުށަހަޅާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން ލަސްވަމުން ދަނީ އެ ފޯމްތައް ވެރިފައިކުރުމަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ކުރިއަށް ގެންދާ ރީ- ރަޖިސްޓްރޭޝަނުގެ މައުލޫމާތު ދިނުމަށް ހ. ސަކީނާ މަންޒިލްގައި ހުންނަ އެ ޕާޓީގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ފޯމްތައް ނަމެއްގައި ހުށަހެޅުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ހުރިހާ ފޯމެއް ވެސް ހުށަހަޅަނީ ވެރިފައިކޮށްފައި ކަމަށެވެ.
"އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ރައްޔިތުން އެއްވެސް ގޮތަކަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެނަށް ލިބޭ ހުރިހާ ފޯމެއް އިރާދަކުރެއްވިއްޔާ އީސީއަށް ހުށަހަޅާނަން. އަދި އެ ރަޖިސްޓްރީ ކުރެވޭނެ މަގުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް މެދުވެރިކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމްތައް ޕްރޮސަސްވުން ލަސްވަމުންދާކަން ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ފޯމްތައް ހުށަހަޅަނީ ވަކިވަކިން ހުރިހާ މައުލޫމާތެއް ޗެކްކުރުމަށް ފަހު ކަމަށާއި އެހެން ކަމުން ކުޑަ ޑިލޭއެއް އަތުވެދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އަޅުގަނޑުމެން ހުށަހަޅާ އެއްވެސް ފޯމެއް އެންމެ ފަހުވަގުތު ރިޖެކްޓްވެގެން އައިސް އަނެއްކާ އެ ބޭފުޅަކު ނުފެނިގެން ރަޖިސްޓްރީ ނުވެދާނެތީ އެ ކަންބޮޑުވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އިން ރީ-ރަޖިސްޓްރޭޝަންގައި ކޮށްފައިވާ މަސައްކަތް، ޖަޒީރާ ގައުމެއްގައި އިލެކްޝަނުގައި އަމަލުކުރާނެ ގޮތެއްގެ ގޮތުގައި ކޮންމެވެސް ދުވަހަކުން ތައުލީމީ ދާއިރާގައި 'ތީސިސް' އެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.
"މި އިލެކްޝަނުގައި މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ވޯޓުދޭން ހައްގުލިބިގެންވާ އާބާދީގެ އެންމެ ބޮޑު ޕަސެންޓެއްގެ ރައްޔިތުން ނިކުމެ ރައްޔިތުންގެ ލޯތްބާއި ކުލުނު ގައުމު ތަރައްގީއަށް ޓަކައި އޮތް މިންވަރު ދައްކާލަދޭނެ އިންތިހާބަށް ވެގެން ދިއުމަށް އަޅުގަނޑުމެން ކުރާ ވަރަށް މުހިންމު މަސައްކަތެއް." ނިހާން ވިދާޅުވި އެވެ.