07 Aug 2018, 14:45
އާމްދަނީ ހޯދާނީ ކިހިނެއްކަން އަދި މިހާތަނަށް އިދިކޮޅު ފަރާތްތަކަށް ވިދާޅުވެވިފައި ނެތްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ގދ. އަދި ގއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާތީ އަޑު ނާހާ ކަމަށެވެ.
އެސްޓީއޯގެ ބައެއް ބޮޑެތި ވިޔަފާރިތައް އާންމުންނަށް ދޫކޮށްލާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑެޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވާހަކައާ ގުޅުވައި ރައީސް ޔާމީންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެސްޓީއޯއަކީ ހަމައެކަނި ކާޑު ކޮޅު ގެންނަ ކުންފުންޏަކަށް ވެއްޖެނަމަ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް އަޅައިދިނުމަކީ ދަތިވާނެ ކަމެއް ކަމަށެވެ.

ގދ އަދި ގއ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ގދ މަޑަވެލީގައި --- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވީ ކޮންމެ ރަށަކުން ލިބޭ އާމްދަނީން އެރަށްރަށުގެ ރައްޔިތުން ދިރިއުޅޭ ގޮތަށް ޖަޒީރާ ކޮންސެޕްޓް ގެންގުޅުނީމަ ރަށްރަށުގެ ރައްޔިތުންނަށް ދިރިނޫޅެވޭނެ ކަމަށެވެ. އެކަންކަން ވާނީ މުޅި ދައުލަތަށް ލިބޭ އާމްދަނީން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެސްޓޯއިން ވިއްކާ ކާޑުގެ ބާވަތްތަކަކީ އާންމުކޮށް މިހުންނަ ގުދަންތަކުގައި ގިނަ ދުވަސްވަންދެން ސްޓޮކްކޮށްފައި ބެހެއްޓޭނެ އެއްޗެހި ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ތަކެއްޗަކީ އާންމުން ވިއްކާ ނަމަ ހެޔޮ އަގުގައި ވިއްކޭނެ ތަކެތި ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭގެ އިތުރުން އެސްޓީއޯއިން ތެޔޮ ނުވިއްކާ ނަމަ މިއަދު ރައްޔިތުންގެ ގިނަ ބަޔަކަށް ކަރަންޓު ލިބުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ފެނެކަ ކޯޕަރޭޝަނުން ދޭ ކަރަންޓަށް ބޭނުންވާ ތެލަށް އެސްޓީއޯއަށް ދައްކަން ޖެހޭ އަދަދު 500 މިލިއަނަށް އަރާތީ ކަމަށް ވިދާޅުވިއެވެ. އަދި ކަރަންޓު މެދުކެނޑުމެއް ނެތި ދެވެނީ އެސްޓީއޯއަކީ ސަރުކާރު ކުންފުންނަކަށް ވެފައި ފެނަކައަށް ބޭނުންވާ ތެޔޮ އެސްޓީއޯއިން ދެވޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެސްޓީއޯ ނައްތާލާ ވާހަކަ (އިދިކޮޅު ފަރާތްތަކުން) އެ ދައްކަނީ. އެހެން ވެއްޖެކަމަށް ވަންޏާ އެތައް ބައެއްގެ ވަޒީފާ ގެއްލޭ ވާހަކަ ފުރަތަމަ މި ދައްކަނީ. ދެން މިދައްކާ ވާހަކައަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ހަކަތަ ނެތިގެން ދާ ވާހަކަ" ރައީސް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުން ގިސާސް ހިފާނެ ކަމަށް ބުނެ އެކަން ނުކުރާތީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވެގެން އެކަން ކުރެވޭ ހިސާބަށް ދިޔައިމަ އެކަން ކުރާނެ ކަމަށެވެ. އެކަން ނުވާނެ ވިދާޅުނުވުމަށާއި "މިކަން ކުރާނީ އަޅުގަނޑު" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގދ އަދި ގއ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ގދ މަޑަވެލީގައި --- ފޮޓޯ/ ރައީސް އޮފީސް
"އަޅުގަނޑަށް ގޮން ނުޖައްސަވާ. އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ޤިސާސް ތަންފީޒު ކުރާނީ. އެކަން ކުރާތީ ނޫންތޯ އިދިކޮޅު ފަރާތްތަކުން ގޮސް އެކި އެކި ކަރަކަރައިގައި މި ވާހަކަ ދައްކައިގެން ދައުލަތަށް އުނދަގޫ މިި ކުރަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޤިސާސް އެ ބަހަކީ އިދިކޮޅު މީހުންގެ ބަސްކޮށާރުގައި އޮތް އެއްޗެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ "ރައީސް ޔާމީނަކީ ރައްޔިތުންނަށް ބޮޑެތި ކަންކަން ކޮށްދޭނަމޭ ބުނެފައި ދޮގުހަދާނެ މީހެއް ނޫން" ކަމަށެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށްވެސް ރައީސް ޔާމީން ވަނީ އަލިއަޅުވާލާފައެވެ. ރައީސް ޔާމީން ވިދާޅުވީ މާލޭގެ ކުނިގޮނޑުގެ މައްސަލައަކީ ރައްޔިތުންނަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު މާލޭގައި ކުނިގޮނޑެއް އޮތް މަތިން މާލޭގެ ރައްޔިތުން ހަނދާން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލުކޮށްދީފައިވާނެ ކަމަށާއި މިހާރުވެސް ގައުމު އާރާސްތުކުރަން ޕްލޭންތަކެއް ހަދަމުން ދާ ކަމަށެވެ.
"އެކަމަކު އަޅުގަނޑާއި ވާދަކުރައްވާ ބޭފުޅުން އަބަދުވެސް ދައްކަވާ ވާހަކައަކީ ކަމެއް ކޮށްފައި އޮތިއްޔާ އޭގެ ފަހަތުން ވިދާޅުވާނެ އަދި މިވެނި ކަމެއް ނުކުރެއޭ. ކަމެއް ކުރަންޏާ އޭގެ ފަހަތުން ވިދާޅުވާނެ އެކަން ކުރެވޭލެއް މާ ލަހީއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހިންގި ކޮންމެ މަޝްރޫއަކަށް މިސަރުކާރުން ހަ މަޝްރޫއު ހިންގާފައި އޮންނާނެ ކަމަށެވެ.